ހަބަރު

އަމީތު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް ވަނުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެންބަރުންނާ އެކު މަޖިލީހަށް ވަދެފައިވާތީ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނވެ. ފުލުހުން އަމީތުގެ މައްޗަށް ކުރި ތުހުމަތަކީ އޭނާ މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސްއިން ނިންމާފައިވާތީ އާންމު މީހެއްގެ ގޮތުގައި ހުރެ އޭނާގެ މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެވެ.

ހައި ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗުން ބެއްލެވި އެމައްސަލައިގެ އިސްފަނޑިޔާރަކީ އަބުދުއްރަޫފު އބްރާހީމެވެ. ބެންޗްގައި އިތުރަށް ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބުދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ތިން ބޭފުޅުން ސޮއި ކުރައްވައި ނިންމަވާފައިވާ މައްސަލައިގެ ހުކުމުގައި ވަނީ، ސުޕްރީމް ކޯޓުން އަމީތުގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ނިންމާފައިވާތީ، އަމީތު ހައްޔަރުކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ ފަރާތުން އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ ނިންމުމުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދައި އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެމައްސަލަ ކުރިއަށް ދަނިކޮށް ކަމަށެވެ.

ހުކުމްގައި ވަނީ، އަމީތު ހައްޔަރު ކުރިއިރު ގާނޫނު އަސާސީއާ ގާނޫނުގައިވާ ގޮތުގެ މަތީން އޭނާއަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރާއްޖޭގެ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުން ކަނޑައަޅާފައިނުވާތީ، އަމީތު ހައްޔަރު ކުރުމުގައި އަމަލުކުރަން ޖެހޭނީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުގައި އަމަލުކުރަން ޖެހޭ ކަމަށް ގާނޫނުގައި އަންގަވާފައިވާ ގޮތުގެ މަތީން ކަމަށެވެ. ނަމަވެސް މި މައްސަލާގައި އަމީތު ހައްޔަރުކޮށްފައިވަނީ އިޖްރާއަތްތަކާ ހިލާފަށް ކަމަށްވެސް ހުކުމްގައި ވެއެވެ.

ހުކުމްގައި އިތުރަށް ވަނީ، ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތީން ބަލާއިރު އެ މައްސަލާގައި އަމީތު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންކަމުން އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށެވެ. ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ބާތިލް ކުރަން ނިންމާފައިވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.