ހަބަރު

އާދަމް ޝަރީފް މަޖިލީހަށް ވާދަކުރައްވަނީ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މިއަދު ޑިފެންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އާދަމް ޝަރިފް ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމި، ވަޒީރުކަމުން ވަކިވި ނަމަވެސް ގައުމަށް ހިދުމަތްކުރުމުގައި ސާބިތުވެ ހުންނެވުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތަށް ނިކުންނެވުމަށް ޝައުގުވެރިވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމައި މިހާރު އެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރެއްވި ނަމަވެސް، މިނިސްޓަރު މަޖިލީހަށް ވާދަކުރައްވަން ނިންމެވީ ކޮން ދާއިރާއަކުން ކަމެއް އަދި ނޭނގެ އެވެ. އާދަމް ޝަރީފަކީ ރ. ފައިނަށް ނިސްބަތްވާ ބޭފުޅެކެވެ.

މިނިިސްޓަރު ވިދާޅުވީ ކޮންމެ ހާލަތެއްގައި ވެސް ގައުމަށް ހިދުމަތް ކުރުމަކީ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވެ، ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާގެ ވިސްނުން ވެސް ހުރީ އެގޮތަށް ކަމަށާއި، އެހެންކަމުން ވެރިކަން ބަދަލުވީ ނަމަވެސް ރައްޔިތުންނަށް ހިދުމަތްކުރުމާ ދުރައް ދާން ބޭނުންނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދައުރު ނިމުމާއެކު ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ކުރުމަށް، ރައްޔިތުންގެ މަޖިލިސް މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މިދަނީ މިހާރު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.