ހަބަރު

ސިފައިންގެ ފްލެޓްތައް ނިންމާނުލެވުނީ ފައިސާ ދޭނެ ބަޔަކު ނެތިގެން: މިނިސްޓަރު

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލޭގައި އިމާރާތްކުރާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ނަމަވެސް އެތަންތަން ނިންމައި ނުލެވުނީ އެކަމަށް ބޭނުންވާ ފައިސާ އެއްވެސް ފަރާތަކުން ހަމަޖައްސައި ނުދީގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސިފްކޯ ހިޔާ ފްލެޓުތަކަކީ ސިފައިންނާއި، އާއިލާތަކަށް ހާއްސަވާ ގޮތަށް 2013 މަސައްކަތްފެށި ފްލެޓްތަކެކެވެ. މި މަސައްކަތާ ފުރަތަމަ ހަވާލުވީ ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސްއެވެ. ނަމަވެސް އެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށް ނުދާތީ ޑިފެންސް މިނިސްޓްރީން ފަހުން ނިންމީ ސަރުކާރާ ގުޅިގެން ފައިސާ ހޯދައިގެން ފްލެޓްތައް އެޅުމަށެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، ސިފްކޯ ފްލެޓްތަކުގެ މަޝްރޫއު ލަސްވުމަށް ދިމާވި އެންމެ އެންމެ ބޮޑު މައްސަލައަކީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ދިމާވި ދަތިތައް ކަމަށެވެ. އެ މަސައްކަތަކީ، އެއްވެސް ޕްލޭނެއް ނެތި ފެށި މަސައްކަތެއްކަމަށެވެ. ޑިފެންސް މިނިސްޓްރީ ކަމަށް އެމަނިކުފާނު ވަޑައިގެންނެވި އިރު އެ މަޝްރޫއުގެ އެއްވެސް ލިޔެކިޔުމެއް އެކުލަވާލާފައި ނެތްއިރު، ޕްރޮޖެކްޓަށް ފައިސާ އިންވެސްޓްކުރާނެ ގޮތެއްހާ ވެސް ކަނޑައަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން ސަރުކާރު ތެރެއިން ލިބޭ ފައިސާގެ އިތުރަށް، އެ ޕްރޮޖެކްޓަށް ބޭރުގެ ހިލޭ އެހީ ހޯދުމަށްވެސް މަސައްކަތްކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މަޝްރޫއަށް އެފަދަ އެހީއެއް ނުލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.

"ސައޫދީގެ ފަރާތުން ވައުދުވެދެއްވީ ފައިސާ ދެއްވާނެ ކަމަށް. އެހެން ނަމަވެސް އެފައިސާވެސް އަޅުގަނޑުމެންނަށް ނުލިބުނީމަ، އިތުރަށް އެ މަސައްކަތްކުރާނެ ވަސީލަތްތަކެއް، ސަރުކާރުން ދޭ ފައިސާ ފިޔަވާ ނުއެއް ލިބުނު،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ފްލެޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިންމާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ސިފައިންނަށް އެކަށީގެންވާ ވަރަށް ފައިސާ ލިބިއްޖެނަމަ ގާތްގަނޑަކަށް ފަހެއް ނުވަތަ ހަ މަސްދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރަށް ކުރަން ހުރި މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ގިނަ މަސައްކަތް ސަރުކާރުގެ އެހީގައި ކުރެވިފަ އެހުރީ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން މި މަސައްކަތް ދެން އަންނަ ސަރުކާރަކުން ވެސް ކުރައްވާނެ. އެހެންކަމަށް ވާނަމަ ދެން އަންނަ ސަރުކާރަކުން ވެސް އަޅުގަނޑުމެން މި ކުރި ގޮތަށް، ސަރުކާރުގެ ތެރެއިން ފައިސާ ހޯދައިގެން ސިފްކޯއިން އެކަން ކުރާ ގޮތަށް ކަމަށް ވިޔަސް އެ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަށް ފައިސާ ހޯދޭނެ އިތުރު މަގު ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި ހުރި ބޭންކްތަކުން ލޯނު ލިބޭގޮތް ވެސް މިހާރު ފަހިވެފައިވާ ކަމަށެވެ. އެ މަޝްރޫއަށް ފައިސާ ހޯދުމަށް މީގެ ކުރިން ދިމާވި އެންމެ ބޮޑު މައްސަލައަކީ، ސިފްކޯއަކީ ކޯޕަރޭޓިވްއަކަށް ވުމުން ކުންފުނިތަކަށް ބޭންކުތަކުން އާންމުކޮށްދޭ ލޯނު ނުލިބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ހައްލުކުރުމަށް، ސިފްކޯއާއި ސިވެކް އެއްކުރުމަށްފަހު، ސިފައިންގޭގައި ކުރިން ވެސް އޮންނަ ކުންފުނި އުފައްދައި ބޭންކުތަކުން ލޯނު ލިބޭނެގޮތް މިހާރު ފަހިވެފައިވާތީ ދެން އެ މަސައްކަތައް ވެސް ލޯނު ނަގަން ބޭނުންވާނަމަ އެ މަގުވެސް އޮތީ ފަހިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން ވެރިކަން ބަދަލުވިޔަސް މި މަސައްކަތަށް ލަސްކަމެއް އަންނަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އިބޫގެ އޮފީހުގެ ލަފަޔާ އެކު ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓްގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމުމަށް، 101.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ސިފްކޯހިޔާގައި ހިމެނެނީ، ސޯޝަލް ހައުސިން ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައި ވެސް 900 އަކަފޫޓު ހުރެއެވެ. ސިފްކޯ ހިޔާ ގައި ހިމެނެނީ 330 ފްލެޓެވެ.