ދުނިޔެ

ލަންކާ ޕާލިމަންޓު ހޫނުވެ، ހަމަނުޖެހުމާއި ތަޅާފޮޅުން

Nov 15, 2018
1

ކޮލޮމްބޯ (ނޮވެމްބަރު 15) - ސްރީލަންކާގައި ބޮޑު ވަޒީރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި މަހިންދުރަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ މަޖިލީހުން އިއްޔެ ފާސްފައިވަނިކޮށް، މިއަދު ބޭއްވި ޖަލްސާ ހޫނުވެ، ތަޅުމުގައި ބޮޑު ތަޅާފޮޅުމެއް ހިނގައިފި އެވެ.

މިހާރު ލަންކާގައި ބޮޑު ވަޒީރަކާއި ސަރުކާރެއްވެސް ނެތް ކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔަ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ޖަލްސާ ހޫނުވެ، ދެފަރާތުމެމްބަރުންގެ މެދުގައި ބަދަލު ކުރަމުންދިޔަ ބަހުގެ ހަމަލާތައް ވަނީ އެންމެ ފަހުން ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެފަ އެވެ. ގިނަ މެމްބަރުންގެ މެދުގައި މާރާމާރީ ހިންގައި، ބިން މައްޗަށް ވެއްޓުނު ބައެއް މެމްބަރުގެ ގައިގާ ވަނީ ކޮޅުފައިންވެސް ތަޅާފަ އެވެ.

މީގެ އިތުރުން، ރާޖަޕަކްސާއަށް ތާއިދުކުރާ މެމްބަރުން ވަނީ މަޖީލިހުގެ ތެރޭގައި ފެން ފުޅިތަކާއި ޑަސްބިންތައް ވެސް އުކާފަ އެވެ. އެއާއެކު، މަޖީލިހުގެ ރައީސް ވަނީ ޖަލްސާ ނިންމާލާފައި އެވެ.

ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ، މަޖިލިސް އުވާލަން ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވި ނިންމުން އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން ވަނީ ސިރިސޭނާ އިއުލާންކޮށްފައިވާ އާ އިންތިހާބު ބޭއްވުން ވެސް ހުއްޓުވާފަ އެވެ.

ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ 225 މެންބަރުންގެ އަގުލަބިއްޔާއެކު އެވެ.

ނަމަވެސް، މަޖިލީހުގައި ނެގި ވޯޓު ބަލައިނުގަންނަވާކަމަށް، މަޖިލީހުގެ ރައީސަށް ސިރިސޭނާ ފޮނުއްވި ސިޓީފުޅެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ރައީސް ސިރިސޭނަ އެންމެ ފުރަތަމަ ވެސް ޕާލިމަންޓް ސަސްޕެންޑް ކުރެއްވި އެވެ. އަދި އެތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ކަމަށް ބުނެ ޕާލަމެންޓް އުވާލަން މިދިޔަ ހުކުރު ދުވަހުގެ ރޭ ނިންމި ނިންމުމާއެކު، 14 ދުވަހުގެ ތެރޭގައި އާ މަޖިލިސް އިންތިހާބެއް ބޭއްވުމަށް ވެސް އިއުލާން ކުރެއްވި އެވެ. އެ ނިންމުން ރައީސް ނިންމެވީ މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައިވަނިކޮށެވެ.

އިތުބާރުނެތްކަމަށް ފާސްކުރުމަކީ ރަނިލް އަށް ލިބުނު ކާމިޔާބީއެއް ނަމަވެސް، އެއީ މިހާރު އުފެދިފައިވާ މައްސަލަ ހައްލުވީ ކަމަށް ބެލެވޭނެ ޖާގަ ހަނިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. ސަބަބަކީ، ބޮޑު ވަޒީރަކު އައްޔަނު ކުރުމުގެ ބާރު އަދިވެސް ސިރިސޭނާއަށް ލިބިވަޑައިގަންނަވާތީ އެވެ.