ހަބަރު

އީސީއިން އާސިމް ވަކިކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

Nov 15, 2018

އިލެކްޝަން ކޮމިޝަން، އީސީގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމުން އާސިމް އަބްދުއްސައްތާރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޮމިޝަންގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމުން އާސިމް ވަކިކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެއީ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލުން ވަކި މިންވަރަކަށް މާކްސް ލިބިފައިނުވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ އާސިމްއާ ދެކޮޅަށެވެ. ސިވިލް ކޯޓުގެ އެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

އެ މައްސަލާގައި މިއަދު ހައިކޯޓުން އިއްވި ހުކުމްގައި ބުނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާގެ ވަޒީފާގެ އެއްބަސްވުމުގައިވާ މަގާމުގެ ބާކީ މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ހުކުމް އަމުރުކޮށްފައިވެ އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމުގައި މިހާރު ހުންނެވި އާސިމަށް މުސާރަ އާއި އިނާޔަތްތަކުގެ ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އިލެކްޝަން ކޮމިޝަނަށް އަންގާފައިވެ އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.