ވިޔަފާރި

އިފޮޕްކާގެ ރައީސްކަމުގެ ހުވާ ރާއްޖޭގެ ޖަނާހު ކުރައްވައިފި

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްކަމުގެ ހުވާ ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ކުރައްވައިފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލްއަ ލަމްޕޫރުގައި ބޭއްވި އިފޮޕްކާގެ 44 ވަނަ ބައްދަލުވުމުގައި އެ ޖަމިއްޔާގެ 45 ވަނަ ދައުރުގެ ރައީސްގެ ގޮތުގައި ހުވާ ކުރެއްވުމަށްފަހު، ޖަނާހު ވިދާޅުވީ ގައުމުތަކުގައި ހިންގާ އިމާރާތް ކުރުމުގެ މަޝްރޫއުތަކުގެ ބިޑިން ޕްރޮސެސް ތަކަކީ ދެ ފުށް ފެންނަ މަޝްރޫއުތަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއި އިންސާނީ ހައްގުތައް އެންމެ ރަނގަޅު ގޮތުގައި ރައްކާތެރި ކުރަން ޖެހޭ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންޓްރަކްޝަން ކުންފުނީގެ ވެރިޔާ ގޮވާލެއްވި އެވެ.

އޭޝިއާގެ އެންމެ ބޮޑު އެއް ޖަމިއްޔާގެ މެންބަރުންނާ މުހާތަބު ކުރައްވައި ޖަނާހު ވިދާޅުވީ މަސައްކަތްތެރިންގެ ސިއްހަތަކާއި ސަލާމަތްތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، ކޮންޓްރެކްޓަރުންނަކީ ސިޔާސީ ނުފުޒުން މިނިވަންވެ، މަސައްކަތް ކުރާ ޕްރޮފެޝަނަލް ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި ބައެއް ގައުމުތަކުގައި މަސައްކަތް ކުރާ ހޮޓެލް ރިސޯޓް ކޮންޓްރަކްޝަން (އެޗްއާރުސީ) ގެ ޗެއާމަން ޖަނާހު އަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ގައުމީ ޖަމިއްޔާ މަސީގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. އަދި އިފޮޕްކާގެ 36 ވަނަ ބައްދަލުވުމަށް ވަޑައިގެން އެ ޖަމިއްޔާ އަށް ރާއްޖެ ތައާރަފުކޮށްދެއްވީ ވެސް ޖަނާހު އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ބޯޑުގައި ވެސް ހިމެނިވަަޑައި ގަންނަވާ ޖަނާހު އިފޮޕްކާގެ ރައީސް ކަމުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ހުންނަވާނެ އެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ އިފޮޕްކާގެ 44 ވަނަ ބައްދަލުވުމުގައި އޭޝިއާ އާއި ޕެސިފިކް އޭޝިއާގެ 1000 އަށްވުރެ ގިނަ ކޮންޓްރެކްޓަރުން ބައިވެރި ވަޑައިގަންނަވަ އެވެ. މި ބައްދަލުވުމުގެ ޗީފް ޑެލިގޭޓަކީ ދަމާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ސާލިހު އެވެ. އަދި ކުރިއަށް އޮތް ދައުރުގައި އިޕޮޕްކާގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނަވާނީ މަސީގެ ރައީސް އަބްދުﷲ މުހައްމަދު އެވެ. އަދި އެގްޒެކެޓިވް ބޯޑުގައި ރާއްޖެ ތަމްސީލް ކުރައްވާނީ އެލިއާ ކުންފުނީގެ އަލާއު އަލީ އެވެ. މި ބައްދަލުވުމުގައި ރާއްޖޭން 35 ބޭފުޅަކު ބައިިވެރިވެވަޑައި ގަންނަވަ އެވެ.