ހަބަރު

33 ޕަސެންޓު ދިވެހިން ބެންކް އެކައުންޓެއް ބޭނުމެއް ނުކުރޭ: ގަވަނަރު

ރާއްޖޭގައި ދިރިއުޅެމުން އަންނަ 33 ޕަސެންޓު ދިވެހިން އަދިވެސް ބޭންކް އެކައުންޓެއް ނުހުންނަ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) 35 ވަނަ އަހަރީ ކޮންފަރެންސްގައި މިއަދު ވާހަކަދައްކަވަމުން ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާވަމުން އަންނަ މިންވަރު ދުވަހުން ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށާއި އެއާއެކު އެ ހިދުމަަތަށް ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުންތައް ވެސް އިންތިހާއަށް ބޮޑުވެ، ކަސްޓަމަރުންނަށް ފަސޭހަވެފައިވަ ކަމަށެވެ. ރާއްޖެެ ކުދި ރަށްތަކެއްގެ ގޮތުގައި ބެހިފައި އޮތް ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި ބޭންކިން ނިޒާމް ބޭނުން ކުރާ މިންވަރު ގިނަ ކަމަށާއި ކޮންމެ ހިސާބަކުން ވެސް އެ ހިދުމަތް ހޯދޭ މިންވަރަށް ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ބޭންކިންގެ ހިދުމަތް ހޯދުމުގައި ދިވެހިން އަދިވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވަން ޖެހިފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ބޭންކިން ދާއިރާއިން އަޅުގަނޑުމެންނަށް ހާސިލް ކުރެވުނު ބޮޑު ކުރިއެރުމެއް އެއީ މުއާސަލާތީ ހިދުމަތް ދޭ ފަރަތްތަކަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ނިޒާމެއް ތާރަފްކޮށްދިނުން، އޭގެ ސަބަބުން ފޯނު މެދުވެރިކޮށް ކުރާ މާލީ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" ނަސީރު ވިދާޅުވި އެވެ. "ކުރުކޮށް ބުނާނަމަ މާލީ ކަންކަން މިހުރީ އަޅުގަނޑުމެންގެ އިނގިލި ކުރީގައި، ކުރިޔަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އާ ޖީލުންގެ މީހުންނަށް ބެންކުތަކަށް ދިޔުމުގެ ބޭނުމެއް ނުޖެހޭނެ، އެހާ ވެސް ފަސޭހަ ގޮތަކަށް ކަސްޓަމަރުންނަށް އެ ހިދުމަަތް ލިބޭ،"

ނަމަވެސް ދިވެހިން ކުރަން ޖެހޭ ދަތުރު އަދިވެސް ވަރަށް ދިގުވެފައި، ގޮންޖެހުންތައް ބޮޑު ކަމަށް ގަވަނަރު ވިދާޅުވި އެވެ. އެއީ ތަފާސްހިސާބުތަކަަށް ބަލާއިރު ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ 33 ޕަސެންޓް މީހުންގެ އަތުގައި އަދިވެސް ބޭންކް އެކައުންޓެއް ނުހުންނަ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އޭގެ އިތުރުން އެންމެ އާންމުކޮށް ބެންކަށް ގޮސް ބޭނުން ކުރާ ޕޭމަންޓު ވަސީލަތަކީ ޗެކުތައް ކަމަށާއި ނަަމަވެސް ކާޑު މެދުވެރިކޮށް ފައިސާ ދެއްކުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"މިސާލަކަށް ޕެންޝަން އާއި ސޯޝަލް ޕޭމަންޓުތަކަށް ބޭނުން ކުރާ ފަރާތްތަކުގެ 96 ޕަސަންޓު މީހުން އެއް އެކައުންޓެއް ގެންގުޅޭ، އަދި އެ އެކައުންޓުތަކުން ފައިސާ ނެގުމަށް ބެންކުގެ މުވައްޒަފުން ކޮންމެ ފަހަރަކު ރަށްރަށަަށް ދަތުރުތައް ކުރަން ޖެހޭ،" ގަވަނަރު ވިދާޅުވި އެވެ.

އެފަދަ ހުރަސްތައް ނައްތާލާ، ގައުމުގެ ޕޭމަންޓު ސިސްޓަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ބޮޑު ޕްލޭނެއް ހަދާފައިވާ ކަމަށް ނަސީރު ވިދާޅުވި އެވެ. އެގޮތުން މި އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމަޔަށް ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ރައްކާތެރި ޕޭމަންޓް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރުން ކަމަށާއި އެކަމަށްޓަކާ އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ވެސް ހަރަދު ކުރަން ޖެހޭ ކަމަށް ގަވަނަރު ވިދާޅުވި އެވެ.