ދުނިޔެ

ލަންކާ ޕާލިމަންޓްގައި މިރުސް ފެންޖަހައި ހަމަނުޖެހުން ހިންގައިފި

Nov 16, 2018
1

ސިޔާސީ ހަމަނުޖެހުންތަކަކަށް ވެއްޓިފައިވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ބައްދަލުވުން ހޫނުވެ މެންބަރުންގެ ގަޔަށް މިރުސް ފެން ޖަހައި، ބޮޑެތި ހަމަނުޖެހުންތަކެއް ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި މިއަދުވެސް ހިންގައިފި އެވެ.

މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވީ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައިވާ ރާޖަ ޕަކްސަގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުގައި ދެވަނަ ފަހަރަށް ނެގުމަށެވެ. އިއްޔެ ވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް، ރާޖަޕަކްސައަށް ތާއީދު ކުރައްވާ މެންބަރުންނާއި ބޮޑުވަޒީރުކަމުން ވަކިކޮށްފައިވާ ރަނިލްއަށް ތާއީދު ކުރާ މެންބަރުންނާ ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް އެއް މެންބަރަކު އަނެއް މެންބަރެއްގެ ގަޔަށް އަތްލައި ޗެމްބަރުގައި ހަމަނުޖެހުން ހިންގައިފަ އެވެ،

އިއްޔެގެ ވޯޓް މަޑުޖައްސާލުމަށް ފަހު މިއަދު އަނެއްކާ ވެސް ވޯޓަށް އަހަން މަޖިލީހުގެ ޖަލްސާ ފަށަން ތައްޔާރުވުމާ އެކު ރާޖަޕަކްސައަށް ތާއީދު ކުރާ މެންބަރުން ވަނީ މަޖިލީހުގެ ރައީސް، އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅު ހިސޯރުކޮށް އަޑުއުފުލަން ފަށައިފަ އެވެ. އެކަމާ ހުރެ، ޖަލްސާ ފައްޓަވަން މަޖިލީހުގެ ރައީސް، ކަރު ޖަޔަސޫރިޔާ ވަދެވަޑައިގަތީ ފުލުހުންގެ ހިމާޔަތުގަ އެވެ. އެއާ އެކު، ރާޖަޕަކްސައަށް ތާއީދު ކުރައްވާ މެންބަރުން ވަނީ، ޖަޔަސޫރިޔާއާ ދިމާލަށް ތަފާތު އެއްޗިހި އުކައިފަ އެވެ. އަދި އެކަމާ ހުރެ ބައެއް ފުލުހުންނަށް ވެސް އަނިޔާވި އެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި، ރާޖަޕަކްސައަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ރަނިލްއަށް ތާއީދު ކުރާ ދެ މެންބަރެއްގެ ގަޔަށް މިރުސް ފެން ޖަހައިފަ އެވެ. އަދި އެއް މެންބަރެއްގެ ބޮލުގައި އެއްޗަކުން ޖެހުމުގެ ސަބަބުން މިއަދުވެސް އަނިޔާވި އެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ނޮވެމްބަރު 19 ވަނަ ދުވަހާ ހަމަޔަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ. އިއްޔެވެސް ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރަކު ޗެމްބަރު ތެރޭގައި ވަޅިއެއް ގެންގުޅުނު މައްސަލަ ވަނީ މިހާރު ތަހުގީގު ކުރަން ފަށައިފަ އެވެ.