ހަބަރު

ރާއްޖެއަށް ކުރައްވާ ދަތުރާއެކު ދެ ގައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބޭނެ: މޯދީ

ރާއްޖެއަށް މާދަމާ ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު މާދަމާ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖައްސާފައިވާއިރު، އެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

މޯދީގެ ފޭސްބުކު ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިބޫ ހުވާ ކުރައްވާ ތާރީހީ ރަސްމިއްޔާތަށް މާލެއަށް ވަޑައިގެންނެވޭތީ އުފާކުރައްވާ ކަމަށެވެ. އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށާއި، އެ ކާމިޔާބީ ރަމްޒުކޮށްދެނީ ޑިމޮކްރަސީ އާއި ގާނޫނުވެ ވެރިކަން ހިންގުމާއި، ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށް ދިވެހި ރައްޔިތުން ބޭނުންވެފައި ތިއްބެވި މިންވަރު ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޓުވީޓް

އިންޑިއާ އާއި ރާއްޖެއަަކީ ތާރީހުގައި ލިޔެވިގެންވާ ވަރުގަދަ ދެ ބައިވެރިން ކަމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމަކީ ސުލްހައާއި ތަރައްގީއަށް ލޯބި ކުރާތީ އުފެދިފައިވާ ގުޅުމެއް ކަމަށް މޯދީ ވިދާޅުވި އެވެ. މީގެ އިތުރުން އެކުގައި ގުޅިގެން ތަރައްގީ ގެނައުމަށް އިންޑިއާ ސަރުކާރުން ގެންގުޅުއްވާ "ސަބްކާ ސާތު، ސަބްކާ ވިކާސް" ސިޔާސަތަކީ އަވައްޓެރި ހުރިހާ ގައުމަކަށްވެސް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީ ވިދާޅުވީ އިބޫގެ އާ ސަރުކާރާއެކު، އިންފްރާސްޓްރަކްޗާ އާއި، ސިއްހީ ދާއިރާއާއި، ހިއުމަން ރިސޯސް ޑެވެލޮޕްމަންޓާއި އެނޫންވެސް އެކި ދާއިރާތަކުން ވަރަށް ގާތުން މަސައްކަތް ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތު ވެސް އެރުވި އެވެ. ދެކުނު އޭޝިއާގައި މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ގައުމަކަށް މިހާރު އޮތީ ވެސް ރާއްޖެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއެކު އޮތް ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ. މޯދީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ޑިޕްލޮމެޓުން އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކަ ކުމަރަތުންގަ ވެސް ހިމެނިވަޑައިގަންނަވަ އެވެ.