ދުނިޔެ

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދުގެ އޯޑަރަށް ކަމަށް ސީއައިއޭ އިން ވެސް ބުނޭ

Nov 17, 2018

ވޮޝިންގްޓަން (ނޮވެމްބަރު 16) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ)އިން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ތުހުމަތުކޮށްފި އެވެ.

ސީއައިއޭގެ އެ ނިންމުން އެނެމެ ފުރަތަމަ ރިޕޯޓުކުރި އެމެރިކާގެ މަޝްހޫރު ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، ޖާސޫސީ އިދާރާގެ އެ ނިންމުން އެމެރިކާގެ ގިނަ އޮފިޝަލުން ވެސް ބަލައިގަންނަ ކަމަށެވެ.

ނަމަވެސް، ވޮޝިންގްޓަން ޕޯސްޓުން ހަވާލާދީފައިވާ ނަން ހާމަނުކުރަންއެދޭ އޮފިޝަލުންތަކެއް ކަމުން، ސީއައިއޭގެ އެ ރިޕޯޓު މުޅިން ކަށަވަރު ނުކުރެވޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން، އެމެރިކާ ސަރުކާރުން ވެސް ވަކި އެއްޗެއް ބުނުމަށް ވަނީ ދެކޮޅުހަދާފަ އެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.