އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އާއި އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް ހުވާކުރުމުގެ ރަސްމިއްޔާތުގައި 46 ގައުމެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، އިބޫ ހުވާކުރުމުގެ ރަސްމިއްޔާތުގައި 300 އަށްވުރެ ގިނަ ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށެވެ.
އިބޫ އާއި ފައިސަލްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މޯދީ އަކީ ހަމައެކަނި ގައުމެއްގެ އިސްވެރިއެއްގެ ގޮތުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅާ އެވެ. މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައި އެވެ. މިއީ މޮދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީގެ އިތުރުން ދުބާއީގެ ކްރައުން ޕްރިންސްގެ ދަރިކަލުން ހައްމާދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ސޯދިގު ސަންޖްރަނި އާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ހުސެއިން ބީ ސިއާލް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޗައިނާގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު ލުއޯ ޝުޖެންގް އެވެ.
މީގެ އިތުުރުންވެސް ގިނަ ގައުމުތަކެއްގެ މިނިސްޓަރުންނާއި އެމްބަސިޑަރުންނާއި ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިރޭ ކުރުނބާ ރިސޯޓްގައި ބާއްވާ ހާއްސަ ފަރިއްކޮޅެއްގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އިބޫ އާއި ފައިސަލް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގަ އެވެ. އެ ރަސްމިއްޔާތަށް މީހުން ވައްދަން ފަށާނީ މެންދުރު ފަހު 3:00 ގަ އެވެ. މިއީ ރައީސެއްގެ ހުވާކުރުން ގަލޮޅު ދަނޑުގައި ބާއްވާ ފުރަތަމަ ފަހަރެވެ.