ވިޔަފާރި

ޗައިނާ ޓޫރިސްޓުން އިތުރުކުރަން ރާއްޖެ ސީއައިޓީއެމްއަށް

Nov 18, 2018

ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުން އިތުރު ކުރަން ޗައިނާ އިންޓަނޭޝަނަލް ޓްރެވަލް މާކެޓް (ސީއައިޓީއެމް) ފެއާގައި ބައިވެރިވެއްޖެ އެވެ.

ޗައިނާގެ ޝެންހާއީގައި 16-18 އަށް ކުރިއަށްދާ ސީއައިޓީއެމް ފެއާގައި ރާއްޖޭގެ 16 ކުންފުންޏަކުން 27 މީހުން ބައިވެރިވެ އެވެ.

ސީއައިޓީއެމްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ވީއާރު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ އަޑުގެ ރީތިކަން ދައްކައިލުމާއި ޗައިނާގެ ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ދިވެހިން ކެއުމުގައި ބޭނުންކުރާ ބައެއް ތަކެތި ވެސް ވަނީ ފެއާގައި ލިބެން ހުންނާނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ސީއައިޓީއެމް ފެއާގައި ބޭރުގެ 79 ގައުމަކުން މީހުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާގައި 16663 ސްޓޯލް ބަހައްޓާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނިޔަލަށް ޗައިނާއިން 222,108 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 236,728 މީހުންނާ އަޅާ ބަލާއިރު 6.2 ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.