ހަބަރު

ރައިސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހު ހަވާލުވެވަޑައިގެންފި

ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ދާދިދެންމެ ކުރައްވައިފި އެވެ. ރައީސް ސޯލިހަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައީސް ސޯލިހުގެ ނައިބު ރައީސްގެ ގޮތުގައި ފައިސަލް ނަސީމް ވެސް ވަނީ ހުވާ ކުރައްވާފަ އެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ރައީސް ސޯލިހާއި ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވުމަށްފަހު އެވެ. ރައީސް ސޯލިހު އިންތިހާބުގައި ވާދަ ކުރެއްވީ ހަތަރު ޕާޓީއެއް ހިމެނޭ ކޯލިޝަނެއްގެ ތެރެއިންނެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ބޭފުޅެކެވެ.

ރައީސް ކަމަށް ވަޑައިގެންނެވިއިރު ހުންނެވީ ހިންނަވަރު ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ. ރައީސް މަޖިލިސް މެންބަރުކަން މެދުކެނޑުމެއް ނެތި ކުރައްވާތާ ވަނީ 25 އަހަރުވެފަ އެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް ސޯލިހު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް އަރުވާފަ އެވެ.

ރާއްޖޭގެ ހަތްވަނަ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ. އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގަތެވެ. ޕީޕީއެމްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތު، ރައީސް އަބްދުﷲ ޔާމީން ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ. ނަަމަވެސް އެމަނިކުފާނުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވި އެވެ.

ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑުގައި ބޭއްވި ރައީސްއަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ. ގާތްގަނޑަކަށް 11،000 މީހުންނަށް ރަސްމިއްޔާތަށް ދައުވަތު ދިނެވެ. އޭގެ ތެރޭގައި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އަދި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ.

ރައީސް ސޯލިހު، ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް ސިފައިން ދީފައިވެ އެވެ. މި ރަސްމިއްޔާތުގައި ކުރީގެ ތިން ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން 46 ގައުމަކުން 300 އެއްހާ އިއްޒަތްތެރިން ބައިވެރިވި އެވެ.

އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިިގެންނެވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ. ސްރީލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހު ހުވާ ކުރެއްވުމަށްފަހު ވަނީ ގައުމާ މުހާތަބު ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިފަތައް ކިޔައިދެއްވާފަ އެވެ. އަދި ރައްޔިތުންގެ ހައްގުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތައް ވެސް މިއަދު އިއުލާން ކުރެއްވި އެވެ.

ރައީސް ހުވާ ކުރެއްވުމަށްފަހު ރަސްމީ މަސައްކަތްޕުޅަށް ރައީސް އޮފީހަށް ވަޑައިގެންނެވި އެވެ. ރައީސް އޮފީހަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވަނީ އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފަ އެވެ. ރަސްމީ މަސައްކަތްޕުޅެއްގެ ގޮތުން އެންމެ ފުރަތަަމަ ރައީސް ސޯލިހު ބައްދަލު ކުރެއްވީ ބޮޑު ވަޒީރު މޯދީއާ އެވެ.

މޯދީއާ ބައްދަލު ކުރައްވާފައިވާއިރު ރައީސް ސޯލިހުގެ ކެބިނެޓްގެ މިރޭ އިއުލާން ކުރައްވާނެ އެވެ. އެމަނިކުފާނުގެ ކެބިނެޓްގައި ބަންޑާރަ ނައިބާ ނުލާ 19 މިނިސްޓަރުން ތިއްބަވާނެ އެވެ. މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ރައީސް އޮފީހުގައި އޮންނާނެ އެވެ.