ހަބަރު

ފަނޑިޔާރުގެ އަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ތަނަކަށް ހަދާނަން: ރައީސް ސޯލިހު

ދިވެހި ރާއްޖޭގެ ފަނޑިޔާރުގެތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާތަނަކަށް ހައްދަވާނެ ކަމަށާއި ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އެންމެ މުހިންމު މަސައްކަތުގައި ގޮތުގައި ހައްދަވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވިގެންދާ ތަން ފެނުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވި ދިހަވަރަކަށް އަހަރުދުވަހު ދިވެހިން ކުރި ތަޖުރިބާއިން އެނގުނު ކަމަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާ ހިންގުމުގެ ގާނޫނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށެވެ. އަދި ފަނޑިޔާރުގެއަކީ، ރައްޔިތުންނަށް ޖަވާބުދާރީވާ ތަނަކަށް ހަދަން ޖެހިފައިވާކަން ކަމަށް އިބޫ ވިދާޅުވި އެވެ.

"ޤާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފަދައިން، ފަނޑިޔާރުންނަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުން ޝަރީއަތް ކުރެވޭނެ މާހައުލެއް ފަހިކޮށްދޭން ޖެހިފައިވާކަން. ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި، ގާނޫނީ އިލްމާއި، ޝަރީއަތް ކުރުމުގެ ހުނަރު ލިބިފައިވާ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން ޖެހިފައިވާކަން. މިއީ، އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަމެއްގެ ގޮތުގައި ދެކި، ކުރާން ފަށާނޭ އެއް މަސައްކަތް." ރައީސް ސިލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެވާހަކަފުޅު ދައްކަވާފައިމިވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެރިކަން ލިބިއްޖެނަމަ ކުރައްވާނެ ކަމުގެ ޔަގީންކަން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ދެއްވާފައި ވަނިކޮށެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ އިސްލާހުކުރައްވާ އިތުބާރު ކުރެވޭ ފަނޑިޔާރުގެއެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، ޝަރުއީދާއިރާގެ އިސްވެެރިންވެެސް ވަނީ އެމަނިކުފާނު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.