ހަބަރު

މަހުލޫފް މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުން އަހުމަދު މަހުލޫފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަހުލޫފް އިސްތިއުފާ ދެއްވީ އަލަށް ހުވާ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަޑައިގެންނެވުމަށެެވެ. ޔަގީންވެފައިވާ ގޮތުގައި މަހުލޫފް ވަޑައިގަންނަވަނީ ޔޫތް މިނިސްޓަރުގެ މަގާމަށެވެ.

މެންބަރު މަހުލޫފް މަޖިލީހަށް ވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ. ނަމަވެސް ފަހުން ހިޔާލު ތަފާތުވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. އިސްލާހީ މަސައްކަތް އެންމެ ކުރީގައި ފެއްޓެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މަހުލޫފް ވަނީ ދާދިފަހުން އެމްޑީޕީއަށް ސޮއިި ކުރައްވާފަ އެވެ.

މަހުލޫފްގެ އިތުރުން މިއަދު ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

އަބްދުﷲ ޝާހިދު ވެސް ވަނީ ރައީސް ސޯލިހުގެ ކެބިނެޓަށް ވަޑައިގަންނަވަން ނިންމަވާފަ އެވެ. ޝާހިދު ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ.

މެންބަރު ފައްޔާޒު ޔޫސުފާއި މާރިޔާ އަހުމަދު ދީދީ ވެސް ރައީސް ސޯލިހުގައި ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވި ކަމެއް އަދި ސާފެއް ނުވެ އެވެ.