ހަބަރު

އިންޑިއާއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް ސޯލިހް

އިންޑީއާ އާއި އަވައްޓެރި ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް، ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ، މިއަދު ފެންނަން އޮތް ސާފު ހަގީގަތަކީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ މުޖުތަމައާ ވަކިވެ، އެކަހެރިވެފައި ކަމަށެވެ.

"ދިވެހިރާއްޖެ އާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ، އަޅުގަނޑުމެންގެ އިސް ވާޖިބު، ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެ، ރާއްޖެއާއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހް ރާއްޖޭގެ ރައީސް ކަމާއި މިއަދު ހަވާލުވެލައްވައި ފުރަތަމަ ރަސްމީ މަސައްކަތްޕުޅެއްގެ ގޮތުގައި ކުރައްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމެވެ. ރައީސް ސޯލިހް އާއި މޯދީ ބައްދަލުކުރައްވާފައި ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސް އޮފީހަށް ވަޑައިގެން އެ އޮފީހުގަ އެވެ.

މޯދީ އިއްޔެ ވިދާޅުވެފައިވަނީ، އިންޑިއާ އާއި ރާއްޖެއަަކީ ތާރީހުގައި ލިޔެވިގެންވާ ވަރުގަދަ ދެ ބައިވެރިން ކަމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމަކީ ސުލްހައާއި ތަރައްގީއަށް ލޯބި ކުރާތީ އުފެދިފައިވާ ގުޅުމެއް ކަމަށެވެ. އަދި އެކުގައި ގުޅިގެން ތަރައްގީ ގެނައުމަށް އިންޑިއާ ސަރުކާރުން ގެންގުޅުއްވާ "ސަބްކާ ސާތު، ސަބްކާ ވިކާސް" ސިޔާސަތަކީ އަވައްޓެރި ހުރިހާ ގައުމަކަށްވެސް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރާއެކު، އިންފްރާސްޓްރަކްޗާއާ ސިއްހީ ދާއިރާއާ ހިއުމަން ރިސޯސް ޑެވެލޮޕްމަންޓާއި އެނޫންވެސް އެކި ދާއިރާތަކުން ވަރަށް ގާތުން މަސައްކަތް ކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

ރައީސް ސޯލިހްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގައުމެއްގެ އިސްވެރިއެއްގެ ގޮތުގައި ހަމައެކަނި ވަޑައިގެންނެވީ މޯދީ އެވެ. މިއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެކުރިން މޯދީ ރާއްޖެ ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން ހަމަޖެހުނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް އެކި ފަހަރު މަތިން މޯދީއަށް ދައުވަތުވެސް އެރުވި އެވެ. މޯދީ މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ އެވެ.