ހަބަރު

ބަންޑާރަ ނައިބަކީ އިބްރާހިމް ރިފްއަތު

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބަންޑާރަ ނައިބުގެ މަގާމަށް އިބްރާހިމް ރިފްއަތު އައްޔަން ކުރައްވައިފި އެވެ. ރިފްއަތަކީ ކުރީގެ ސޮލިސިޓާ ޖެނެރަލެވެ.

ބަންޑާރަ ނައިބުގެ ހުވާ، ރައީސް ސޯލިހުގެ ކުރިމަތީ މިރޭ ރިފްއަތު ކުރައްވާފައިވާއިރު ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރިފްއަތަކީ މިފަހުން ބޮޑެތި މައްސަލަތަކުގައި އިދިކޮޅު ބޭފުޅުން ދިފާއު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަން ގެއްލުވާލި މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަތަކުގައި ރިފްއަތު ވަކާލާތު ކުރެއްވި އެވެ.

އޭގެއިތުރުން ވެސް އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކޮށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލައިގެން ކުރިއަށް ގެންދިޔަ ގިނަ ބޭފުޅުންތަކެއްގެ ގާނޫނީ ވަކީލްކަން ރިފްއަތު އަދާ ކުރެއްވި އެވެ.