ހަބަރު

ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރަން އިންޑިއާގެ ފުރިހަމަ އެހީ ލިބޭނެ: މޯދީ

އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ރާއްޖެ އަލުން ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ދާއިރާތައް ކުރިއަރުވަން އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.

އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ކަމުގެ ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެން، ރައީސް ސޯލިހް އާ ބައްދަލުކުރައްވައި މޯދީ ވަނީ ރާއްޖެއަށް ގިނަ އުންމީދުތަކެއް ދެއްވާފަ އެވެ. މޯދީ ވަނީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކާއި، އެމަނިކުފާނުގެ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިންޑިއާއިން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރާއްޖެ އިންޑިއާ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީސް ސޯލިހްގެ އާ ސަރުކާރާއެކު މޯދީ މިއަދު ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގައި ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. ހާއްސަގޮތެއްގައި އިޖްތިމާއީ އަދި އިގްތިސޯދީ ގުޅުން ދެގައުމުގެ ދެމެދުގައި ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ބުނީ، ރާއްޖެ އިންޑިއާ ގުޅުން ރަނގަޅުކޮށް، ދެ ގައުމުގެ ރައްޔިތުން ބަދަހިކުރުމަށް ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހަކޮށްދިނުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ހާއްސަކޮށް، ރާއްޖޭގެ އިގްތިސޯދު ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިގްތިސޯދު ތަރައްގީކުރުމަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.

"ހާއްސަގޮތެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ބޯހިޔާވަހިކަމުގެ ވަސީލަތް ރާއްޖޭގައި އިތުރުކުރުމަށް ބޭނުންވެފައިވާ މިންވަރު ހިއްސާކުރައްވައި، އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ފެނާއި ނަރުދަމާގެ ވަސީލަތްތައް ރާއްޖޭގެ ރަށްތަކަށް ބޭނުންވެފައިވާ މިންވަރު ހިއްސާކުރައްވާފަ އެވެ،" ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ވެސް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެން އެކަމާ ގުޅޭ މަޝްވަރާތައްވެސް ކުރައްވާފަ އެވެ. އަދި އަދި ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް އަމަލުތަކުން ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރައްވާފައިވާކަމަށާއި މި ހުރިހާ ކަމެއްގައި އިންޑިއާ ރާއްޖެއާއި އެކުގައިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މޯދީ ދެއްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޯދީ މިއަދު ރާއްޖެއަށް ވަޑައިގެންނެވީ، ރައީސް ސޯލިހްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، މިއަދު ހަވީރު 4:00ގަ އެވެ. އަދި އެ ރަސްމިއްޔާތަށްފަހު މިހާރު ވަނީ އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފައްޓަވާފަ އެވެ.