ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހުވާ ކުރުމުގެ ކުލަގަދަ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުން ރަސްމިއްޔާތަށް ވަޑައިގެން ރައީސްގެ އަނބިކަނބަލުން ތުރުކުރައްވައިގެން ހުރި ހެދުމަކީ ރަސްމީ ހަފްލާތަކުގައި ދިވެހި އަންހެނުން އަޅާ ގައުމީ ހެދުން ނަމަވެސް، މި ހެދުން އެހެން ބޭފުޅުން ތުރުކުރައްވައިގެން ތިއްބެވި ހެދުމާ ޑިޒައިންގެ ގޮތުން ތަފާތެވެ. މިހެދުމުގެ ޑިޒައިން ތަފާތުވާ އެތައް ސަބަބެއް އެބަ އޮތެވެ
އާސާރީ މިސްކިތްތަކުންނާއި، އިމާރާތްތަކުގެ މައި ދޮރުން ފެންނަ ހިރި ގަލުގެ ކަވި މަސައްކަތް ދައްކުވައިދޭ ޕްރިންޓު ޑިޒައިން މި ހެދުމުގެ ވާތް ފަރާތުގައި ބޭނުންކޮށްފައިވާއިރު، ހެދުމުގެ ފަސްބަައިން ފެންނަނީ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށަށް ބީއްސާލާ ރާޅަކުން ފެންނާނެ ކުލަތަކެވެ. އަދި އެ ކުލަތަކާއި އެ ގުދުރަތީ ރީތި މަންޒަރެވެ. ކަނޑު ނުލުން ފަށައިގެންގޮސް މަޑު ނޫ ކުލަ މުޅި ފޮތިގަނޑުން ފެނުނު އިރު މި ފުރިހަމަ ޕްރިންޓު ޑިޒައިންގެ ފަހަތުގައި ހުރީ ދިވެހި ޒުވާން ފަންނާނެކެވެ.
އައިލެންޑް ބާޒާރްގެ ނަމުގައި އިންސްޓަގްރާމްއިން ހިންގަމުން ދިޔަ ޕޭޖްއަށް ޑިޒައިންތައް ކުރަހަމުން ދިޔަ އަދި މިހާރު އިންޓީރިއާ ޑިޒައިނިންގެ ރޮނގުން ކުރިއަށްދާ ފާތިމަތު ސަލާހްއަށް މި ފުރުސަތު ލިބުނީ ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަސްޓްލޭޑީ، ފަޒްނާ އަހުމަދުގެ ފަރާތުންނެވެ. ފާތިމަތު ސަލާހް، ކޮކީ "އަވަސް"އަށް ބުނީ ޑިޒައިން ކުރުމުގެ އެންމެ ފުރަތަމަ ސްޓޭޖުން ފަށައިގެން ފަސްޓްލޭޑީގެ ހިޔާލާއި މަޝްވަރާ އެ ހެދުމުގެ ޑިޒައިނަށް ލިބުނު ކަމަށެވެ.
"އެންމެ ފުރަތަމަ ވާހަކަ ދެއްކި އިރުވެސް ބުނީ ވަރަށް ސިމްޕަލް ގޮތަކަށް ޖަޒީރާ ވަންތަ ޑިޒައިނެއް ތައްޔާރުކޮށްދޭށޭ. ދެން ފުރަތަމަ ދުވަހުން ފަށައިގެން ހެދުން އެއްކޮށް ނިމެންދެން ފަޒޫގެ މަޝްވަރާއާއި ހިޔާލު މި ހެދުމަށް ލިބުނު. އަދި ހާއްސަކޮށް ދިގު ހެދުމަކީ އާދައިގެ ހެދުންތަކާ ތަފާތު ގޮތަކަށް ފަހާ ހެދުމެއް ކަމުން، މި ހެދުން ފެއްސެވި، ދިގުހެދުން ފެހުމުގެ ތަޖުރިބާ ހުރި ސަކީނާއްތަގެ އެހީވެސް ލިބުނު. ހެދުމުގެ ބޯވަޅު ރީތިވާނެ ގޮތްވެސް ވަރަށް ރަނގަޅަށް ކިޔައިދިން،" ކޮކީ ބުންޏެވެ.
މިފަދަ ހާއްސަ ރަސްމިއްޔާތަކަށް، އަދި ހާއްސަކޮށް އެ ރަސްމިއްޔާތުގެ އެންމެ މުހިންމު އެއް މެހެމާނުގެ ހެދުން ޑިޒައިން ކުރަން ލިބުނީތީ ކޮކީ ހުރީ އުފަލުން އެވެ. އޭނާ ދެކޭ ގޮތުގައި މިއީ ޒުވާނުންނަށް ފަސްޓްލޭޑީ ދޭ އަހަންމިއްޔަތު ކަން ދައްކުވައިދޭ ކަމެކެވެ. އަދި ޒުވާން ފަންނުވެރިންނަށް ފުރުސަތު ދިނުމުގައި ފަސްޓްލޭޑީ މިސާލު ދެއްކެވީތީ އޭނާ ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ.
ޖަޒީރާ ރާއްޖޭގެ ތުނޑިމައްޗަށް ބީއްސާލާ ރާޅު ތަކުން ދައްކުވައިދޭ ކުލަތަކާއި އިހު ދިވެހިންގެ ގަދީމީ ހިރި ގަލުގެ ކަވި މަސައްކަތް، މިފަދަ މުނާސަބު ދުވަހަކުން ދައްކުވައިދީފި އެވެ. އެ ހެދުމަށް އެތައް ބައެއްގެ ހިތް ދަމައިގަތީ މި ސަބަބާހުރެ އެވެ.