ހަބަރު

މިނިސްޓަރު ކަމަށް އިމްރާންގެ ޝަރުތު ހަމައެއްނުވޭ!؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހޯމް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެއްސެވި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲގެ ޝަރުތު ހަމަނުވާ މައްސަލަ ފެންމަތިކޮށްފި އެވެ. ރައީސް ސޯލިހުގެ ކެބިނެޓް މިރޭ އިއުލާންކޮށްފައިވާއިރު އިމްރާން ކެބިނެޓްގައި ހިމެނޭތީ ބޮޑެތި ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މޭޑޭގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން އިމްރާންއަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވެ އެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ހުކުމް ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު އިމްރާންގެ މައްސަލަ ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

އެ ހުށަހެޅުމާއެކު އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް، އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އެކަމަކު އަދިވެސް އެއީ ޝަރުއީ ހުކުމެއް އޮތް ގާނޫނީ ގޮތުން ކުށްވެރިއެކެވެ. ހުކުމް ބާތިލެއް ނުކުރެ އެވެ.

ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ.

އަނެއް ހާލަތަކީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާ މީހެއްނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް މާފުކުރިތާ ތިން އަހަރުވެފައިނުވާ މީހަކަށްވުމެވެ. އެފަދަ ހާލަތެއްގައި އެމީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ކަން އެހެން އޮތްއިރު އިމްރާންގެ ޝަރުތު މިނިސްޓަރު ކަމަށް ފުރިހަމަ ނުވާނެ ކަމަށް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ވަކީލަކު ވިދާޅުވި ގޮތުގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައިވީ ނަމަވެސް އެ ހުކުމް ބާތިލްކޮށްފައި ނެތުމަކީ އޭނާގެ ޝަރުތު ގެއްލޭ ކަމެކެވެ.

އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމުން ނޫނީ އޭނާާއަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފައިވުމަކީ އިމްރާންގެ ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރާނެ ކަމުގެ ގެރެންޓީއެއް ނޫން ކަމަށް ވެސް އެ ވަކީލް ވިދާޅުވި އެވެ.

ކޯލިޝަންގެ އެއް ތަނބުގެ ގޮތުގެ ހުންނެވި ބޭފުޅަކު ކެބިނެޓަށް ވަޑައިގެންނެވުމުން ވެސް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. ރައީސް ސޯލިހަށް އެންމެ މަތީ މަޝްވަރާ ދެއްވާނެ ހަތަރު ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކީ އިމްރާން
އެވެ. އެ މަގާމު އިމްރާންގެ އަތުގައި އެހެން އޮވެ، އަނެއްކާ ކެބިނެޓަށް ވެސް ވަޑައިގެންނެވުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.