ހަބަރު

ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި

Nov 18, 2018

ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ނައިބު ފައިސަލް ނާސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެއިތުރުން ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާާސިމް އިބްރާހިމާއި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ބޭރު ގައުމުތަކުގެ ބައެއް އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް 42 ގައުމަކުން 300 އެއްހާ އިއްޒަތްތެރިން ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.