ދުނިޔެ

ޚާޝުގްޖީގެ ގަތުލުގައި ވަލީ އަހުދުގެ އަތެއްވާ ކަމަށް އެމެރިކާއިން އެއްބަހެއް ނުވި

Nov 18, 2018
1

ވޮޝިންގްޓަން (ނޮވެމްބަރު 17) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ) އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނި ނަމަވެސް، އެކަމަށް ސީދާ ވަކި އެއްޗެއް ބުނަން އެމެރިކާ ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

އެ މީޑިއާ ރިޕޯޓުތަކާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، ޚާޝުގްޖީގެ ގަތުލުގައި އަދި ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް ހުރި ކަމަށެވެ.

ސީއައިއޭގެ އެ ނިންމުން އެނެމެ ފުރަތަމަ ރިޕޯޓުކުރި އެމެރިކާގެ މަޝްހޫރު ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، ޖާސޫސީ އިދާރާގެ އެ ނިންމުން އެމެރިކާގެ ގިނަ އޮފިޝަލުން ވެސް ބަލައިގަންނަ ކަމަށެވެ.

ނަމަވެސް، ވޮޝިންގްޓަން ޕޯސްޓުން ހަވާލާދީފައިވާ ނަން ހާމަނުކުރަންއެދޭ އޮފިޝަލުންތަކެއް ކަމުން، ސީއައިއޭގެ އެ ރިޕޯޓު މުޅިން ކަށަވަރު ނުކުރެވޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން، އެމެރިކާ ސަރުކާރުން ވެސް ވަކި އެއްޗެއް ބުނުމަށް ވަނީ ދެކޮޅުހަދާފަ އެވެ.

އެކަމާއި ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި ހުރިހާ މީހުން ބަޔާންކޮށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އަންގާރަ ދުވަހު ލިބޭނެކަމަށެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.