ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އެ ވެރިކަން ނިންމަން އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ އައިމިނަތު ނާދިރާ ހިމެނެ އެވެ. އެމްއާރްއެމްގެ ދިދަ ހިފައިގެން ހުރިހާ ތަނެއްގައި ވެސް ނާދިރާ ވަނީ ރައީސް މައުމޫން ތަމްސީލް ކުރައްވާފަ އެވެ.
ވަކިން ރަށްރަށަށް ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ވެސް ކުރެއްވި އެވެ. ރޭ ރައީސް ސޯލިހު ކެބިނެޓް އިއުލާން ކުރެއްވިއިރު އެ ކެބިނެޓްގައި ނާދިރާ ހިމެނޭނެ ކަމަށް އެންމެން ވެސް ލަފާ ކުރި އެވެ. ނަމަވެސް އެ މަންޒަރު ނުފެނުނެވެ.
އެމްއާރްއެމްއަށް ލިބުނު ހަތަރު ސްލޮޓްގެ ތެރޭގައި ނާދިރާއެއް ނެތެވެ. އެކަމާ ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އުތުރިގެން ދިޔަ އެވެ. މިހާރު ކެބިނެޓްގައި ތިއްބެވި ބައެއް ބޭފުޅުންނަށްވުރެ ނާދިރާއަށް މިނިސްޓަރުގެ މަގާމުގެ ހައްގު ކަމަށް ވެސް ބުނަމުން ދިޔަ އެވެ.
ކުރެއްވި މަސައްކަތަށް ބަލާނަމަ ސަރުކާރުގެ އެފަދަ އިސް މަގާމެއް އެންމެ ހައްގީ ނާދިރާއަށް ކަމަށް ވެސް ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވެ އެވެ.
އާންމުންގެ ޝަކުވާތަކާ ގުޅިގެން ނާދިރާ ވަނީ ކަން ހިނގި ގޮތް ސާފުކޮށް ދެއްވާފަ އެވެ. ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނުމަށް ރައީސް ސޯލިހާއި ރައީސް މައުމޫން ވެސް ފުރުސަތު ދެއްވި ކަމަށް ނާދިރާ ވިދާޅުވި އެވެ. ނާދިރާ ވިދާޅުވީ އެ ފުރުސަތު ބޭނުން ނުހިފަން ނިންމީ އަމިއްލައަށް ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިނިސްޓަރުގެ މަގާމު ދޫކޮށްލެއްވި ސަބަބު ނާދިރާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ނާދިރާއާ ވަރަށް އެކުގައި މަސައްކަތް ކުރައްވާ، މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެ ސަބަބު ހާމަ ކުރައްވާފަ އެވެ.
ޔުމްނާ މައުމޫން ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާދިރާ ވާދަ ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. ޔުމްނާ އެހެން ވިދާޅުވުމުން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ފަދަ މަގާމެއްގައި ނާދިރާ ބަަހައްޓަން ޔުމްނާ ވެސް ބޭނުންވާކަން ހާމަވެ އެވެ.