ހަބަރު

އައްޑޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެއްޖެ

Nov 18, 2018
1

އައްޑޫ ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު 18 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ. މޫދުން އޭނާ ފެނުނުއިރު ވެސް އެއްވެސް ހަރަކާތެއް ނެތެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެފަ އެވެ. ފުލުހުން ވެސް އެކަން ކަށަވަރުކޮށްދިނެވެ.

ހިތާމަވެރި މި ހާދިސާގައި މަރުވެފައިވަނީ އައްޑޫ ހައިސްކޫލްގެ ގްރޭޑް 12 ގައި ކިޔަމުން ދިޔަ އަހުމަދު ޖައިޝަން މުހައްމަދެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒުވާނާ ގެއްލުނީ އައްޑޫ ސިޓީ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ގައުކެޑަ ބްރިޖް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެގެން ކަމަށެވެ. އޭނާ ހޯދުމަށް ސިފައިން ދިޔައީ އެ ސަރަަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރުފަހު 2:43ގަ އެވެ. އެ ޒުވާނާއެކު އިތުރު ދެ ކުދިން ވެސް މޫދަށް އެރި އުޅުނު ކަމަށްވެ އެވެ.

މީގެކުރިން ވެސް މޫދަށް ގެއްލިގެން އައްޑޫގައި އެކި ހާދިސާތައް ހިނގާފައިވެ އެވެ.