ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރެއްވި ޔުމްނާ މައުމޫން އާއި ޝިދާތާ ޝަރީފަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ތައުރީފް ކުރައްވައިފި އެވެ.
ރައީސް ސޯލިހު، ޔުމްނާ މައުމޫން އައްޔަން ކުރައްވާފައިވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރުގެ މަގާމަށެވެ. ޝިދާތާ އައްޔަން ކުރެއްވީ ޖެންޑާ އެންޑް ފެމެލީ މިނިސްޓަރުގެ މަގާމަށެވެ.
އެ ދެ މިނިސްޓަރުންނަށް ތައުރީފު ކުރައްވައި ފާއިޒު ވިދާޅުވީ، ދުވަހަކު އެ ދެ ބޭފުޅުންނާ ބައްދަލުވެފައިނުވީ ނަމަވެސް ޑިމޮކްރަސީއަށްޓަކައި ދެ ބޭފުޅުން ވެސް ކުރެއްވި މަސައްކަތް ފެނިފައިވާ ކަމަށެވެ.
"އިސްލާހަށާއި ޑިމޮކްރަސީއަށް، މި ދެ ކަނބަލުން ކުރެއްވި މަސައްކަތް ދުށީމު، ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމަށްފަހު ސަރުކާރު ތެރެއިން ފެނިވަޑައިގެންނެވި ނުރަނގަޅު ކަންތައްތަކުގެ ސަބަބުން މަގާމުގެ ޖަހަތާއި ފަސޭހަކަން ދޫކުރައްވާ މަގު މައްޗަށް ނުކުމެވަޑައިގެން އިސްލާހަށްޓަކައި މަސައްކަތް ފެއްޓެވި ކަމީ ލާމަސީލު މިސާލެއް،" ފާއިޒު ވިދާޅުވި އެވެ.
ފާއިޒު ވަނީ ރައީސް ސޯލިހުގެ ކެބިނެޓްގައި ގިނަ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާތީ އެކަމަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެެ. ނަވާރަ މިނިސްޓަރުން ކެބިނެޓްގައި ތިއްބަވާއިރު ހަތް ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ.
ޔުމްނާ މައުމޫނަކީ ނިމިގެން ދިޔަ ދައުރުގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެކަމަނާ އެންމެ ފުރަތަމަ ހުންނެވީ ރައީސް ޔާމީންގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގަ އެވެ. ހަވާލުވެ ހުންނެވީ ހެރިޓޭޖް ޑިޕާޓްމެންޓާ އެވެ. ޝިދާތާ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކާ ހިޔާލު ތަފާތުވެގެން ދެ ބޭފުޅުން ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއަށްފަހު އެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގައި އެންމެ ކުރީ ސަފުގައި ޔުމްނާ އަދި ޝިތާދާ ވެސް ހަރަކާތްތެރިވަމުން ގެންދެވި އެވެ. ޝިދާތާ އާއި ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓައިގެން ރައީސް ޔާމީންގެ ސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން އުޅުނެވެ.