މިއަދު ފެނިގެން ދިޔައީ ރައްޔިތުން އެކުވެރިކަމާއި ދުޅަހެޔޮކަމާއެކު ކުރިއަށް ދާން ބޭނުންވެފައިވާ މަންޒަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހެވެ.
ވެރިކަމުގެ ފުރަތަމަ އެމަނިކުފާނު އިސް ނަންގަވައިގެން ވަނީ މާލޭގައި "ދުޅަހެޔޮ ހަށިހެޔޮ"ގެ ނަމުގައި ކުޅިވަރު އީދެއް ބާއްވާފަ އެވެ. ގިނަ ކުޅިވަރުތަކެއް ކުރިއަށް ދިޔަ އީދުގައި ރައީސް އާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ކުޅިވަރު ހަރަކާތްތައް ނިންމާލައި ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެ ހަރަކާތުގައި ބައިވެރިވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެކަން އިންތިޒާމް ފުރިހަަމަވެ އެކަމުގައި އުޅުނު ފަރާތްތަކަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ރައީސް ވަނީ އެ ހަރަކާތުގައި ދުސްވީ މީހުންނާއި ޒުވާނުން އަދި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހަރަކާތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް އުރުއްވި އެވެ.
ކުޅިވަރުގެ އީދު މިއަދު ފެށީ މެންދުރުފަހު އެއް ނަންބަރު ޖެޓީ ސަރަހައްދުގަައި ބޭއްވި މޫދު ކުޅިވަރުންނެވެ. އެ ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަޑައިގެންނެވި އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެެސްވަޑައިގެންނެވި އެވެ.
އޭގެފަހުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ރައީސް ސޯލިހު ވޮލީ ކުޅުއްވި އެވެ. އެތަނަށް ވެސް ރައީސް މައުމޫން ވަޑައިގެންނެވި އެވެ. އޭގެ ފަހުން ސްވިމިން ޓްރެކް ސަރަހައްދުގަައި ފެތުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދިޔަ އެވެ.
ހަވީރު މާފަންނު ދަނޑުގައި ގިނަ ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށްދިޔައިރު އެ ކުޅިވަރުތަކުގައި ރައީސް އަދި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. ސިނަމާލެ ބްރިޖްގައި ދުވުމުގެ ހަރަކާތެއް ވެސް ހަވީރު ކުރިއަށް ގެންދިޔަ އެވެ. އަދި މިރޭ ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ހަރަކާތުގައި ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.