ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވިލިނގިލީ ބްރާންޗް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި

Nov 19, 2018
8

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ވިލިގިލީ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ، އެތަނުގެ ފުރާޅު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ހުރި ތިޗޫރިތަކެއް ހަލާކުކޮށްލައި ގިނަ އަދަދެއްގެ ފައިސާ ވަގަަށް ނަގާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވި އެވެ.

"ސީދާ އަދަދު ދަންނަވާކަށް ނޭނގެ. ވަރަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައި،" ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.

މި ވައްކަން ހިނގާފައިވާ ކަން ބޭންކުން ޔަގީންކޮށްދެމުން ނެރުނު ސްޓޭޓްމަންޓްގައި ބުނީ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ފުލުހުންގެ ހާއްސަ ޓީމެއް ބްރާންޗް ތެރޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ޓީމުން ހަރަކާތްތެރިވަމުން އަންނާތީ ބޭންކްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.