ސުޕްރީމް ކޯޓް

ރިވިއު ކުރަން ހުށަހެޅި ރައީސް ނަޝީދާއި، އިމްރާންގެ މައްސަލަ މިއަދަށް ތާވަލްކޮށްފި

ސުޕްރީމްކޯޓަށް ރިވިއު ކުރުމަށް ހުށަހަޅާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލުހުކުމުގެ މައްސަލައާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބުދުﷲގެ މައްސަލަ ސުޕްރީމްކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.

ދައުލަތުން އެދިގެން ރިވިއު ކުރުމަށް ނިންމާފައިވާ ރައީސް ނަޝީދުގެ މައްސަލަ ތާވަލްކޮށްފައިވަނީ މިއަދުގެ ހެނދުނު 10:00 އަށެވެ. ހޯމް މިނިސްޓަރު، އިމްރާންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 1:00 އަށެވެ. މި ދެމައްސަލައި އަޑުއެހުމެއް ތާވަލްކޮށްފައިވާ އިރު، މީގެ ކުރިން ވަނީ މި މައްސަލަތަކުގެ ރިވިއުކުރަން ހުށަހަޅާ ލިޔެކިއުންތައް ސްޕްރީމްކޯޓަށް ހުށަހަޅާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވާއިދާއި ހިލާފަށް އެކަހެރިކޮށް ބެހެއްޓި މައްސަލައެއްގައި އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ. އެ މައްސަލައިގައި ހައިކޯޓާއި ސްޕްރީމްކޯޓުން ވެސް ވަނީ މީގެ ކުރިން ދަށުކޯޓުގެ ނިންމުމަށް ތާއިދުކޮށްފަ އެވެ.

ޝައިހް އިމްރާން 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގެ ބޮޑު މުޒާހަރާއާއި ގުޅިގެންނެވެ. އެ މުޒާހަރާގައި ޝައިހް އިމްރާން ބައިވެރިންނާއި މުހާތަބުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ބަޔަކަށް ހިތްވަރު ލިބި ގާނޫނާއި ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ނިންމާ އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު އެދައުވާ ސާބިތުވާކަމަށް ވަނީ ނިންމާފަ އެވެ.

އެ މައްސަލަ ޝައިޙް އިމްރާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައެވެ. އެހެން ނަމަވެސް ހައިކޯޓުގެ ނިންމުން ސްޕްރީމްކޯޓަށް އިލްތިމާސަށް ލުމުން ސްޕްރީމްކޯޓުން އެ މައްސަލަ ކުރިން ބަލައިގަނެފައެއް ނުވެ އެވެ.