ލައިފްސްޓައިލް

ތާޖާއި މާތަކުން މިފަހަރު ފިރިހެނުންގެ ދުވަސް ފާހަގަކޮށްދީފި

ރާއްޖޭގެ އެކި މިނިސްޓްރީތަކާއި އޮފީސްތަކުގައި އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާތާ މިހާރު ދެތިން އަހަރު ވެދާނެއެވެ. އަންހެނުން ބާރުވެރި ކުރުވުމަށާއި، އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ލިބެން ޖެހޭ އެއްބާރުލުން ހޯދައިދިނުމުގެ ބޭނުމުގަ އެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް އެއް ހަމައެއްގައި ތިބި ބަައެއްކަން އަންގައިދިނުމުގެ ބޭނުމުގަ އެވެ. އެހެންނަމަވެސް، އަންހެނުންގެ ދުވަސް ފާހަގަ ކުރަމުން ދާއިރު، ފިރިހެނުންނަށް ހާއްސަކޮށް ދުވަހެއް އޮންނަން ޖެހޭނެ ކަމާމެދުވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ފިރިހެނުންގެ ދުވަސް ކަން ދަންނަނީ ވަރަށް މަަދު ބައެކެވެ. ފިރިހެނުންގެ ދުވަސް ދުނިޔޭގެ ފެންވަރުގަ އާއި ރާއްޖޭގައިވެސް ފާހަގަ ކުރެވޭ މިންވަރު މަދުވުން މިއީ މިކަމުގެ ހެއްކެކެވެ. އަންހެނުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން، ފިނިފެން މަލުން މަރުހަބާ ކިޔުމާއި، ރެސްޓޯރަންޓު ތަކަށް ގެންގޮސް ކާން ދިނުމުގެ އިތުރުން ގިފްްޓް ކާޑު ތަކާއި ވައުޗާތައް، މި ދުވަހުގެ މުނާސަބަތުގައި ފިރިހެނުން އަންހެނުންނަށް ހަދިޔާ ކުރެއެވެ. މިއީ، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އަންހެނުންނަށް ތައުރީފުކޮށް ފިރިހެނުން ހިތުން ރުހުމުން ދޭ ކުދި ކުދި ހަދިޔާ އެވެ.

އެހެންނަމަވެސް، އަންހެނުންގެ ދުވަހެކޭ އެއްފަދައިން ފިރިހެނުންގެ ދުވަސް ފާހަގަ ކުރުމަކީ މުހިއްމު ކަމެއްކަމަށް އެކި ފަރާތްތަކުން ބުނެ އެވެ. މިއަދުުގެ މުޖްތަމައުގައި ފިރިހެނުންނަށްވެސް އަހަންމިއްޔަތުކަން ދޭން ޖެހޭ ކަމާމެދު ސޯޝަލް މީޑީއާގައިވެސް ހޫނު ބަހުސްތައް ކުރެވެ އެވެ. އަދި، އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނަމަ ފިރިހެނުންގެ ދުވަސްވެސް ކުލަގަދަކޮށް ފާހަގަ ކުރެވިދާނެ ކަމަށާއި، ދެ ޖިންސުގެ ފަރަގު ހަގީގަތުގައި ކުޑަ ކުރުމަކީ މިއީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ފިރިހެނުންގެ ދުވަސް ފާހަގަ ކުރުން.

ފިރިހެނުންގެ ދުވަސް އެއީ ފާހަގަ ކުރަންޖެހޭ ދުވަހެއް ކަމާއިމެދު ހޫނު ބަހުސްތައް ކުރެވެމުންދާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިން މިއަދު ވަނީ މި ދުވަސް ފާހަގަކޮށްފަ އެވެ. އަދި ލިޓަސް މޯބައިލްސް އިން ވެސް މި ދުވަސް ދަނީ ފާހަގަ ކުރަމުންނެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ އަންހެން މުވައްޒަފުން ފިރިހެނުންނަށް ހުދު ފިނިފެންމަލުން މަރުހަބާ ކިޔާފައިވާ އިރު މީރާއިން ވަނީ ރަން ތާޖަކުން ފިރިހެންނަށް ހާއްސަ ދުވަހުގެ މަރުހަބާ ކިޔާފަ އެވެ.