ހަބަރު

ކެބިނެޓުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދާނެ: އަލީ ޒާހިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލި ކެބްނެޓުން ރައްޔިތުންގެ އުންމީދުތައް ހަގީިގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޔަގީންކުރާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ކެބިނެޓްގައި ހިމެނިވަޑައިގަންވާ ބައެއް މިނިސްޓަރުން ކަމުނުދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުމާއި ނުރުހުން ރައީސްގެ ކެބިނެޓަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އާ ސަރުކާރުގެ ކެބިނެޓަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުރެއްވި ހުވަޔާ އެއްގޮތަށް ތެދުވެރިކަމާއި ވަފާތެރިކަމާއެކު ގައުމަށް ހިދުމަތް ކުރައްވައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަލީ ޒާހިރު ވަނީ އާ ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ސޯލިހްގެ ކެބިނެޓްގައި ޖުމްލަ 19 މިނިސްޓަަރުން ހިމެނޭ އިރު، އެންމެ ބޮޑު ފާޑު ކިއުމެއް އަމާޒުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ސޮލޮޓްތަކުގައި މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށެވެ. މީގެ އިތުރުންވެސް އަދާލަތާއި، އެމްއާރުއެމް އަދި އެމްޑީޕީގެ ސޮލޮޓްތަކަށް ގެނެސްފައިވާ ބައެއް ބޭފުޅުންވެސް ކަމު ނުގޮސްގެންވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވީ ކެބިނެޓަށް އެ ބޭފުޅުން އައްޔަން ކުރައްވަން ބޭނުންފުޅާ ބޭފުޅުންގެ ނަންތައް ހިއްޕަވައިގެންނެެވެ. އެ ބައްދަލުވުމުގައި ބައެއް ލީޑަރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތައް ދޫކުރައްވައި އެންމެން އެއްބަސްވާ ނަންތަކަށް ތާއިދު ވެސް ކުރައްވާފަ އެވެ.

ކެބިނެޓް ބަހާލާފައިވަނީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ.