ހަބަރު

ރައީސް، ނައިބު ރައީސް އަދި ވަޒީރުން މާލީ ބަޔާން ހާމަ ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މާލީ ބަޔާން ހާމަ ކުރައްވައިފި އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ކެބިނެޓްގެ ވަޒީރުންގެ މާލީ ބަޔާންތައް ވެސް ވަނީ ހާމަކޮށްފަ އެވެ.

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި، ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ މާލީ ބަޔާން ހާމަ ކުރީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ވަޒީރުންގެ މާލީ ބަޔާންތައް މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފަ އެވެ. މިއީ މިފަދަ ގޮތަކަށް ސަރުކާރުގެ އެންމެ އިސް ބޭފުޅުން މާލީ ބަޔާން އާންމު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި ކޮރަޕްޝަން ނައްތާލައި، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަކީ ރައީސް ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކަށް އައްޔަނުކުރާ ހުރިހާ ފަރާތްތަކުގެ މާލީ ބަޔާންތައް ހާމަކޮށް ގަވައިދުން ރިވިއުކުރުމަކީ ރައީސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އަދި މިއީ ތާރީހުގައި ސަރުކާރުން އިސްނަގައިގެން ކޮރަޕްޝަނާ ދެކޮޅަށް މި ފެންވަރުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިއުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރައްވާ މި މުހިންމު މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެއެވެ. އަދި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމުގައި އެ އިދާރާތަކުގެ ލަފާ ސަރުކާރުން ހޯދަ އެވެ.