ހަބަރު

ވަޒީރުން އަމަލުކުރައްވަންޖެހޭ އުސޫލުތައް އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުން އަމަލުކުރައްވަންޖެހޭ އުސޫލުތަކާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ކުރައްވަންޖެހޭ ކަންކަމާބެހޭ މައުލޫމާތު މިއަދު ވަޒީރުންނަށް އަރުވައިފި އެވެ.

އެ މައުލޫމާތު އަރުވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުސޫލުތަކާއި ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކާއި ވަޒީރުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވަޒީރުންނަށް މައުލޫމާތު އަރުވާފައިވާ ކަމަށް
ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށްޓެވުމާއި އެކަމެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީހަށް ނިންމެވުމާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހް މީގެ ކުރިން ވަނީ ވަޒީރުން ކޮރަޕްޝަންގެ އަމަލުތަކާއި ދުރުވެތިއްބެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ރައީސް ސޯލިހް ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރައްވަން ވަނީ ނިންމަވާފަ އެވެ. އޭގެ ތެރޭގައި ބައެއް ވައުދުތައް މިހާރުވެސް މިނިސްޓްރީތަކުން ދަނީ ފުއްދަމުންނެވެ.