ހަބަރު

އައްޑޫ މެންބަރުންނާއި ކައުންސިލަރުންނާ ރައީސް ބައްދަލުކުރައްވައިފި

Nov 19, 2018

ވެރިކަމުގެ ރަސްމީ ފުރަތަމަ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ސޯލިހު، އަބަދުވެސް އައްޑޫ ސިޓީއަށް ހާއްސަ އިސްކަމެއް ދެއްވަ އެވެ. އެގޮތުން އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ ވެސް އަދި ނިންމާލެއްވީ ވެސް އައްޑޫ ސިޓީގަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. ނަމަވެސް އޭގެ ތަފްސީލްތަކެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މިއަދު ހެނދުނު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްގީ ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ރައީސް މިއަދު އައްޑޫގެ ކައުންސިލަރުންނާ ވެސް ބައްދަލު ކުރައްވާފައިވާއިރު އެމަނިކުފާނުގެ ކެބިނެޓްގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅަކު ނެތުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.