ހަބަރު

ހެލިކޮޕްޓަރުތައް އަނބުރާ ނުފޮނުވާނަން: މިނިސްޓަރު މާރިޔާ

Nov 19, 2018
11

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާ ނުލާނެ ކަމަށް އާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު ޖޫން މަހުގެ ނިޔަލަށް އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންގި އެވެ. ނަމަވެސް އޭގެ ފަހުން ބައްދަލުވުންތަކެއް ދެ ގައުމުގެ ދެމުގައި ބާއްވާ ހެލިކޮޕްޓަރުތައް އަނބުރާ ނުފޮނުވަން އެއްބަސްވި ކަމަށް ނުރަސްމީ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ. އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ދެ ހެލިކޮޕްޓަރުގެ ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި ސާވައިލަންސް އެއާކްރާފްޓެއް ހޯދުމަށް އިންޑިއާގައި އެދިފައިވާނެ ކަމަަށް ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އަވަށްޓެރި ގައުމުތަކުންދޭ ހަދިޔާތައް އަނބުރާ ފޮނުވުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށެވެ.

މީގެކުރިން އެކި ފަހަރުމަތިން އާންމުވި މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި ކޮންމެ ހެލިކޮޕްޓަރަކާ އެކު ޓެކްނީޝަނުންގެ ގޮތުގައި އިންޑިއާ ސިފައިންގެ ގިނަ ބަޔަކު ރާއްޖެ އައިސް ތިބޭތީ ރައީސް ޔާމީންގެ ސަރުކާރުން އެކަމާ މެދު ވަނީ ކަންބޮޑުވި އެވެ. އެ މީހުން އަންނަނީ ދިވެހި ސިފައިންއަށް ވެސް ހެލިކޮޕްޓަރުގެ ތަމްރީންތައް ދެމުންނެވެ.

އާންމު ގޮތެއްގައި އެ ހެލިކޮޕްޓަރުތަކުގެ ބޭނުން ހިފަނީ ބަލި މީހުން އުފުލުމަށާއި މީހަކު ނޫނީ އުޅަނދެއް ގެއްލޭ ހާދިސާތަކުގަ އެވެ. މާރިޔާ ވިދާޅުވީ އެކަމުގައި އެ ހެލިކޮޕްޓަރުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިދާނެ ކަމަށެވެ.