އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު ޝައިޙް އިމްރާން އަބުދުﷲގެ މައްޗަށް އިއްވާފައިވާ 12 އަަހަރުގެ ޖަލު ހުުކުމުގެ އިލްތިމާސް މައްސަލައިގެ އަޑުއެހުންތަށް ސުޕްރީމްކޯޓުން މިއަދު ނިންމާލައިފި އެވެ.
ޝައިހް އިމްރާންގެ މައްޗަށް މޭޑޭގެ މުޒާހަރާއާ ގުޅުގެން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމައި 12 އަހަރަށް އޭނާ ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފަ އެވެ. އަދި އެމައްސަަލަ ސްޕްރީމްކޯޓުގައި އިލްތިމާސްކުރުމުން ފުރަތަމަ އެކޯޓުން ވަނީ މައްސަލަ ބަލައިނުގެން ބޭރުކޮށްލާފަ އެވެ. އެހެން ނަމަވެސް އިމްރާންގެ ފަރާތުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން ފަހުން ސްޕްރީމްކޯޓުން ވަނީ އެ މައްސަލަ ބަަލައިގެންފަ އެވެ.
އިމްރާންގެ ފަރާތުން އެ ހުކުމް ބާތިލް ކުރުމަށް ޖުމްލަ 12 ނުކުތާއެއް ވަނީ ހުށަހަޅާފަ އެވެ. އެނުކުތާތަށް ހުށަހަޅުއްވަމުން ޝައިޙް އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، އިމްރާންގެ މައްޗަށް ދައުވާ އުފުލާ، ހުކުމް އިއްވާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކުށަކާ ގުޅިގެން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް އެ ދައުވާ ސާބިތުކޮށްދީފައިނުވާ ކަމަށެވެ.
އެނުކުތާތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ ސަފާ އިބްރާހިމް ވިދާޅުވީ، ކުރިމިނަލް ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ކުރީގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރި ނަމަވެސް ފަހުގެ ގާނުނުގައި ބުނާ ލުއިތަށް އެމައްސަލައިގައި އަދަބު ކަނޑައެޅުމުގައި ގާޒީ ބައްލަވާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އެމައްސަލައިގެ ކުށުގެ އަމަލުގައި ހިމެނޭ 2 އުންސުރުވެސް ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.
ނޫރުއްސަލާމް ދެން ހުށަހެޅުއްވި ނުކުތާތަކުގައި ވިދާޅުވެފައިވަނީ އެމައްސަލަ ނިންމާފައިވަނީ އިސްލާމީ ޝަރީއަތުގައި ޝަރީއަތް ކުރާ ގާއިދާއަކާއި ހިލާފަށް ކަމަށާއި، ކީރިތި ގުރުއާނުގައިވެސް މީހަކު ކުރާ ފާފައަކަށް އެހެން މީޙަކު ޒިންމާވާން ނުޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމައްސަލަ ނިންމާފައިވަނީ ދިފާއީ ހެކިން ހާޒިރުކުރަން ފުރުސަތުނުދީކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެވާހަކަތަށް ރައްދުދެއްވާ ސަފާ ވިދާޅުވީ، އިމްރާން ދެއްކި ވާހަކަތަކުގައި އަނިޔާވެރިކަމަށް ހިތްވަރުދީފައިވާ ކަމަށާއި، އެއްވެ އުޅުމުގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ)އިން އެއްވުމުގައި ފަރުދީ ހައިސިއްޔަތަކުން އެމީހަކު ކުރާ އަމަލެއްގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ އެއްވުމެއް އިންތިޒާމް ކުރާ ފަރާތްވެސް އެ ޒިންމާއިން ބަރީއަވެގެން ނުވާކަން އެގެން އޮންނަ ކަމަށެވެ. އެދުވަހުގެ ކަންކަމަށް އިމްރާންވެސް ޒިންމާވާން ޖެހޭނެ ކަމަށާއި، އެ މައްސަލައާއި ގުޅިގެން އިތުރު ފަރާތްތަތަކަށްވެސް ދަައުވާ ކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.
ޝައިޙް އިމްރާންގެ ފަރާތުން ދެން ހުށަހެޅީ އެމައްސަލައިގެ ހުކުމް އިއްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ 3 ވަނަ ނަންބަރާއި ހިލާފަށް ކަމަށެވެ. އެގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރު މައްސަލައިގައި ވަކި ގޮތެއް ނިންމައިގެން އިންކަމަށް ވިދާޅުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އެމައްސަލައަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއާއި، 27 ވަނަ މާއްދާއާއި، 42 ވަނަ މާއްދާގެ (ށ)ގެ އިތުރުން 59 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ނިންމާފައިވާ މައްސަލައެއް ކަމަށްވެސް ނޫރުއްސަލާމް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން އެވާހަކަތަކަށް ރައްދުދީ ސަފާ ވިދާޅުވީ، ގާނޫނު އަސާސީގެ 52 ވަނަ މާއްދާގެ (ކ) ގައި ބުނާ ހައްގުތަށް އިމްރާނަށް ލިިބިދީފައިވާަކަމަށެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރު، ފަނޑިޔާރުންގެ ގާނޫނާއި ހިލާފަށް އަމަލު ކޮށްފައިނުވާ ކަމަށާއި، ހިޔާލު ފާޅު ކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ ހައްގަކީ ބަކި ހައްދެއްނެތި ގާނޫނު އަސާސީން ދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ. ޝަރީއަތް ލަސްވެގެން ދިޔައީ އިދާރީ ގޮތުން ދިމާވި މައްސަލަތަކަކާއި ހެދި ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އިމްރާންގެ ފަރާތުން ހުށަހެޅި ފަހު ދެ ނުކުތާގައި ބުނެފައިވަނީ އެ ހުކުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއާއި ހިލާފަށް ދަށުކޯޓުން އިއްވާފައިވާ ހުކުމެއް ކަމަށާއި، އިމްރާންގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ކޮން އަމަލަކާއި ގުޅިގެން ކަމެއް އަދި ކުށް ސާބިތުވި ގޮތެއް ކުރިމިނަލް ކޯޓަށް ބުނެދެވިފައިނުވާ ކަަމަށެވެ.
އެ ނުކުތާތަކާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ އިމްރާންގެ މައްޗަށް ދައުވާ އުފުލުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ފަރާތުން ބަލާ މިންގަނޑާއި ހިލާފުވެފައިނުވާނެ ކަމަށެވެ. އަދި އިމްރާން ކޮށްފައިވާ އަމަލު ދަށުކޯޓުގައި ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
އެމައްސަލައާއި ގުޅިގެން އިމްރާންގެ ފަރާތުން އެދުނީ ވީ އެންމެ އަވަހަކަށް އެމައްސަލަ ނިންމައިދީ، ހައިކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށެވެ. އަދި ދައުލަތުގެ ފަރާތުން އެދުނީ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ސްޕްރީމްކޯޓުން ގޮތެއް ނިންމައިދިނުމަށެވެ. އެ މައްސަލައިގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ އެ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ އެމައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.