މުހިންމު މަޝްވަރާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޗައިނާ ސަފީރު ޖަން ލިޖޮންގްއާ މިނިސްޓަރު ޝާހިދު މިއަދު ރަސްމީކޮށް ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ މި އަހަރު ފަހުކޮޅު ޝާހިދު ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ޗައިނާ ސަރުކާރާ އެކު މުހިންމު މަޝްވަރާތަކެއް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އެ ކަންކަމާ ގުޅޭ ގޮތުން ޗައިނާގެ ސަފީރާ އެކުވެސް މިއަދު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ ވަނީ ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ޗައިނާއާ ހަވާލު ކުރުމާއި ރާއްޖެ އާއި ޗައިނާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެ ސަރުކާރުން އެކުލަވާލި އެވެ. އަދި މަޝްރޫއުތަކަށް ޗައިނާގެ ބޭންކްތަކުން ބޮޑެތި ލޯންތަކެއް ނެންގެވި އެވެ.
ޗައިނާއާ ގުޅުން ބަދަހިވަމުން އައިއިރު އަވަށްޓެރި އިންޑިޔާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން ވަނީ ހީނަރުވެފަ އެވެ. އަދި ޗައިނާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކާއި އެ ގައުމުން ނަގާފައިވާ ލޯންތަކުގެ ސަބަބުން މުޅި ރާއްޖެ ޗައިނާއަށް ދަރާފައި އޮތް ކަމަށް ބުނެ އޭރު އިދިކޮޅު ފަރާތްތަކުން ދިޔައީ އަޑު އުފުލަމުންނެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް އެކަންކަމަށް ވަނީ އަލިއަޅުވާލައިފަ އެވެ. އެގޮތުން ދަރަނިވެރިވެ ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ ގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓުތައް އަލުން ރީ ނެގޯޝިއޭޓު ކުރަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިފަހުން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާއާ އެކު ހެދި ފްރީޓްރޭޑް އެއްބަސްވުމުން ރާއްޖެއަށް އޮތީ ގެއްލުން ކަމަށާއި އެ އެގްރިމަންޓް ރާއްޖެއިން ނިމުމަކަށް ގެންނާނެ ކަމަށެވެ.