ދުނިޔެ

ޚާޝުގްޖީ މައްސަލާގައި ސައުދީ ވަލީ އަހުދު ބަދަލުކުރަން ޝާހީ އާއިލާއިން ބޭނުންވޭ

Nov 20, 2018

ރިޔާދު (ނޮވެމްބަރު 19) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާކަމަށް ތުހުމަތުކުރެވޭއިރު، ވަލީ އަހުދުކަމަށް އެހެން ބޭފުޅެއް ގެންނަން ސައުދީ ޝާހީ އާއިލާގެ އިސް ބޭފުޅުން މަސައްކަތް ކުރައްވާކަމަށް ރިޕޯޓުތައް
ބުނެފި އެވެ.

ޝާހީ އާއިލާގެ ގިނަ މެމްބަރުން ބޭނުންވަނީ ރަސްގެފާނު ސަލްމާންގެ ކޮއްކޯފުޅު އަދި އިންޓީރިއާ މިނިސްޓަރު އަހުމަދު ބިން އަބްދުލްއަޒީޒް ވަލީ އަހުދުކަމަށް ކަނޑައެޅުމަށްކަމަށް ވެސްވެ އެވެ.

އަހުމަދު ބިން އަބްދުލްއަޒީޒަށް އެމެރިކާގެ ތާއީދުއޮތް ކަމަށް ވެސް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ)އިން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ނަމަވެސް، ސައުދީ ރަސްގެފާނު ސަލްމާން ދުނިޔޭގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ ދަރިކަލުންނާއި ދެކޮޅަށް ޝާހީ އާއިލާއިން މަސައްކަތް ނުކުރާނެކަމަށްވެ އެވެ.