އޮފްބީޓް

އިންސްޓަގްރާމުން ފޭކް ފޮލޯވާސް ޑިލީޓް ކުރަނީ!

ސޯޝަލް މީޑިއާ އެޕްލިކޭޝަން އިންސްޓަގްރާމުން ފޭކު ފޮލޯވާސްތައް ޑިލީޓު ކުރުވާނެ ކަމަށް ބުނެފި އެވެ.

ފޮޓޯ ޝެއާ ކުރުމަށް ހާއްސަ އެޕްލިކޭޝަން އިންސްޓަގްރާމުން ފޭކް ފޮލޯވާސް އާއި ފޭކް ލައިކްސް ޑިލީޓު ކުރުވާނެ ޓޫލް އެއް ތައްޔާރު ކޮށްފައިވާ ކަމަށް ބުނެފި އެވެ. އެފަދަ ފޮލޯވަރުން ތިބި އެކައުންޓްތަކަށް އިންޒާރުގެ ނޯޓިސް ފޮނުވައި އަދި ޕާސްވޯޑް ބަދަލު ކުރަން އަންގާނެ ކަމަށްވެސް އިންސްޓަގްރާމުން ބުންޏެވެ. އަދި، އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ފޮލޯވަރުން އިތުރު ކުރުމަށް، ފޭކް ފޮލޯވާސް ހޯދުމަށް ވަަރަށް ގިނަ ބަޔަކު މަސައްކަތްކުރާ ކަމަށާއި، އަލަށް ތައާރަފު ކުރާ މި ޓޫލް ގެ ސަބަބުން އިންސްޓަގްރާމުގެ ބޭނުން ރަނގަޅަށް ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އިންސްޓަގްރާމް ބޭނުން ކުރާ ބައެއް ފަރާތްތަކުން ފޭކް ފޮލޯވާސް ހޯދުމަށް އެމީހުންގެ އެކައުންޓްގެ ބައިވަރު މައުލޫމާތުތައް ހިއްސާކުރެ އެވެ. އިންސްޓަގްރާމްގައި ގިނަ ފޮލޯވާސް ތިބޭ މީހުންނަށް، 'ޕެއިޑް ކޮންޓެންޓް' ނޫނީ ލާރިއަށް އެއްޗެހި އިސްތިހާރު ކުރުމުގެ ފުރުސަތުވެސް ހުށަހެޅިގެންދެ އެވެ. އަދި ފޭކު ފޮލޯވާސްތައް ޑިލީޓްކޮށްލުމުން އެކައުންޓު ތަކުގެ އަސްލު އެނގޭނެ އެވެ.

ވީހާ ވެސް ގިނަ ބަޔަކު ފޮޓޯ ހިއްްސާ ކުރުމުގެ މަގުސަދުގައި، އިންސްޓަގްރާމްގެ ހިދުމަތް ފެށީ، 2010 ވަނަ އަހަރު އެވެ. އަދި މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، ދުނިޔޭގެ އެއް ބިލިއަން މީހުން މިހާރު ދަނީ މި އެޕްލިކޭޝަން ބޭނުން ކުރަމުންނެވެ.