ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދައުރު މިހާރު ނިމިފައި ވާތީ، އެމަނިކުފާނަށް ޕީޕީއެމްގެ މުސްތަޝާރުކަން ވެސް ގެއްލިފައި ވުމުން، ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރާނެ ފަރާތަކާ މެދު ސުވާލު އުފެއްދިއްޖެ އެވެ.
ޕީޕިއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި، ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާ އަދާކުރަމުން އަންނަ މުއްދަތުގައި އެ ފަރާތަކަށް ޕީޕީއެމްގެ މުޝްތަޝާރު ކަމުގެ މަގާމު ލިބެ އެވެ. އެ މާއްދާއާ ހަވާލާދީ ސިވިލް ކޯޓުން ވަނީ ޕީޕިއެމްގެ ހިންގުން ޕީޕީއެމްގެ އޭރުގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކޮށްފަ އެވެ.
އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ވަނީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނިމުމަކަށް އައިސްފަ އެވެ. އޭގެ ކުރިން ޕީޕީއެމްއިން ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި ނަމަވެސް އެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓްލުމާއި އެހެން ބައެއް ކަންކަން އިޖުރާއަތުތަކާ ހިލާފަށް ގެންގޮސްފައި ވާތީ، އެ ކޮންގްރެސް ބަލައި ނުގަންނަން އީސީއިން ވަނީ ނިންމައިފަ އެވެ. އަދި ކޮންގްރެސްގައި އިންތިހާބުކުރި ލީޑަޝިޕާ އީސީއިން މުއާމަލާތް ކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ.
ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރެއް މިހާރު ނެތުމުން ޕާޓީއަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރާނެ ފަރާތެއްގެ ނަމާއި މަގާމު އަންގައި ދިނުމަށް އެދި ޕީޕީއެމްގެ އޮފީހަށް މިހާރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މީގެ ކުރިން ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރަނީ، ޕީޕީއެމްގެ މުސްތަޝާރަށެވެ.
ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތް މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހައިކޯޓްގައި ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ މައްސަލައިގައި ހުކުމް ކުރުމެވެ. މީގެ އިތުރުން، ޕީޕީއެމްގެ ހިންގުން ރައީސް ޔާމީންއާ ހަވާލުކުރި މައްސަލަ ވެސް ސުޕްރީމް ކޯޓްގައި އަންނަނީ ހިނގަމުން އެވެ.