ހަބަރު

ވިލިނގިލީ ބޭންކް ފަޅާލައިގެން ނެގި ފައިސާގެ ތެރެއިން 14 މިލިއަން ހޯދައިފި

ގއ. ވިލިނގިލީ ބޭންކް އޮފް މޯލްޑިވްސް ބްރާންޗު ފަޅާލައިގެން ނެގި ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ހޯދައިފި އެވެ.

އެ ފައިސާ ހޯދާފައިވަނީ އެ މައްސަލައާއި ގުޅިގެން ޒުވާނުންތަކެއް ހައްޔަރުކޮށް، ތަހުގީގު ކުރަމުންދަނިކޮށެވެ. "އަވަސް"އާ ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުނި ގޮތުގައި 14 މިލިއަން ރުފިޔާ ފެނުނީ، ވިލިނގިލީ ފަޅު ގެއެެއްގެ ތެރޭގައި ހުރި ދޮންނަމެޝިނެއް ތެރެއިން އެވެ.

ވިލިނގިލީ އާ ބަނދަރު ސަރަހައްދުގައި ހުންނަ ބޭންކް އޮފް މޯލްޑިވެސްގެ ބްރާންޗުގެ ފްރާޅުން ޓިނު ނަގައިގެން ވަނުމަށްފަހު އެ ބޭންކުގެ ތިޖޫރީ ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގީ މިދިޔަ ހޯމަ ދުވަހުގެރެ އެވެ. އެ މައްސަލާގައި އަށް މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާކަމަށް އޮފިޝަލަކު ވިދާޅުވި އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ފެނިފައިވާ އިރު، ބީއެމްއެލް ވިލިނގިލީ ބްރާންޗް ފަޅާލައި ނެގި ފައިސާގެ އަދަދެއް މިހާތަނަށް ޔަގީނެއް ނުވެ އެވެ. އަދި އެ ފައިސާގެ އަދަދެއް މިހާނަތަށް ފުލުހުންނާއި، ބޭންކު އޮފް މޯލްޑިވްސްއިން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ. މިއީ މިފަދަ ގޮތަށް ރާއްޖޭގެ ބޭންކެއް ފަޅާލައިގެން ކޮށްފައިވާ އެންމެ ބޮޑު ވައްކަމުގެ މައްސަލަ އެވެ.