އޮފްބީޓް

ބޮޑު މަހެއްގެ ބަނޑުން ހަ ކިލޯގެ ޕްލާސްޓިކް

އިންޑޮނޭޝިއާގެ ގޮނޑުދޮށަކަށް މަރުވެގެން ލައްގާފައި އޮތް ސްޕާމް ވޭލްއެއްގެ ބަނޑު ތެރެއިން ހަ ކިލޯގެ ޕްލާސްޓިކް ނަގައިފި އެވެ.

ބޮޑު މަހުގެ ބަނޑު ތެރެއިން ނަގާފައިވާ ތަކެތީގެ ތެރޭގައި، ހަތަރު ފެން ފުޅި އާއި، 115 ފެންބޯތައްޓާއި، 25 ޕްލާސްޓިކު ކޮތަޅު އަދި ދެ ފެންފައިވާން ވެސް ހިމެނެ އެވެ. އެ ސަރަހައްދުގެ ތިމާވެއްޓާ ބެހޭ މާހިރުން މި ތަކެތި ހޯދާފައިވާ އިރު، މި ބޮޑު މަސް މަަރުވީ އެ ޕްލާސްޓިކްތަކުގެ ސަބަބުން ކަމަށް ބުނަން ދަތި ކަމަށް ބުނެފައިވެ އެވެ. އަދި 31 ފޫޓުގެ މި ބޮޑު މަސް، މަރުވެ ގިނަ ދުވަސްވެފައިވާތީ މަރުވި ސަބަބު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ބުނެފަައިވެ އެވެ.

މި ބޮޑުމަސް މަރުވި ސަބަބު ބުނަން ނޭންގުނަސް މި ފެނުނު މަންޒަރަކީ ވަރަށް ހިތާމަ ހުރި މަންޒަރެއް.
ޑްވީ ސުޕްރާޕްތީ - މެރިން ސްޕީޝީޒް އެންޑް ކޮންޒަވޭޝަން ކޯޑިނޭޓާ އިންޑޮނޭޝިއާ
ވޯލްޑް ވައިޑް ފަންޑު ފޯ ނޭޗަރ އިންޑޮނޭޝިއާ އިން ކޮށްފައިވާ ޓްވީޓު

ބޭނުންކޮށްފައިވާ ޕްލާސްޓިކު މޫދަށް އެޅުމުގެ މައްސަލަ އޭޝިއާގެ ގިނަ ގައުމުތަކުގައި ވަނީ ބޮޑުވެފަ އެވެ. އަދި ޗައިނާ، އިންޑޮނޭޝިއާ، ވިއެޓްނާމް ފިލިޕީން އަދި ތައިލެންޑުން ބޭނުންކޮށްފައިވާ ޕްލާސްޓިކުގެ 60 އިންސައްތަ އަޅަނީ ކަނޑަށް ކަމަށް 2015ގައި ސެންޓާ ފޯ ބިޒްނެސްއިން ހެދި ރިޕޯޓަކުން ދައްކަ އެވެ.

ކޮންމެ އަހަރަކު ވެސް މަދުވެގެން ދިހަ މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑަށް އެޅުމުގެ ސަބަބުން، ކަނޑުގެ ދިރުންތަކަށް ފޫ ނުބެއްދޭފަދަ ގެއްލުންތަކެއް ލިބެމުން ދާ ކަމަށް ޔޫއެން އިން ވެސް ވަނީ މިދިޔަ އަހަރު ބުނެފަ އެވެ.