ހަބަރު

އެންމެ ފަހު ދުވަހު ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅައިފި

އެންމެ ފަހު ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ހަަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އޭސީސީއަށް މިދިޔަ އޮކްޓޫބަރު މަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮޑިޓާ ޖެނެރަލް ވަނީ ރައީސް ޔާމީނަށް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޒިޔަތު ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ދިރާސާ ކުރައްވާ ކޮމިޓީގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ރައީސް ޔާމީން އެންމެ ފަހު ދުވަހު އެމަނިކުފާނުގެ މާލީ ބަޔާން އޮޑިޓް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"އާންމު ފަރާތްތަކުން މާލީ ބަޔާންތައް ހާމަ ކުރުމަށް އެދި މައުލޫމާތު ސާފު ކުރަން އެދުނަސް އަޅުގަނޑުމެން ޖަވާބެއް ނުދެން ނަމަވެސް ތަހުގީގީ އިދާރާއަކުން ނުވަތަ މަޖިލީހުން އެދިގެން އެ މައުލޫމާތު ދީފައިވާނެ، އެގޮތުން މިފަހުން ރައީސްގެ މައްސަލަ ފެންމަތިވެގެން ދިޔައީ އޭސީސީ އިން ތަހުގީގު ކުރުމަށް އެކަން އެދުމުން،" ޒިޔަތު ވިދާޅުވި އެވެ.