ހަބަރު

ޔާމީންގެ ތިން އަހަރެއްގެ މާލީ ބަޔާން ހުށަނާޅާ: އޮޑިޓް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު މާލީ ބަޔާން ހުށަހަޅާފައި ވަނީ ދެ ފަހަރު ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރު ކުރާ ބަޔާނެއް ކޮންމެ އަހަރަކު އެއްފަހަރު އޮޑިޓާ ޖެނަރަލް އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނޫގައި ބުނާ ފަރާތްތައް ހުށަހަޅާފައިވާ ގޮތުގެ ތަފްސީލް އޮޑިޓް އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން ޔާމީން މާލީ ބަޔާން ހުށަހަޅާފައި ވަނީ ދެ އަހަރެއްގަ އެވެ. އެގޮތުން 2013 ވަނަ އަހަރު ހުށަހަޅަން ޖެހޭ މާލީ ބަޔާން ރައީސް ޔާމީން ހުށަހަޅާފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު މާލީ ބަޔާން ހުށަނާޅަ އެވެ. އަދި 2016 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅާފައި ވަނީ މި ފަހުން އެ މައްސަލަ ފެންމަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގަ އެވެ. 2017 އާއި 2018 ގެ މާލީ ބަޔާން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަ ކުރި މައުލޫމާތުން އެނގެ އެވެ.

ޔާމީން މާލީ ބަޔާން ހުށަނާޅާ މައްސަލައެއް ފެންމަތިވުމާއެކު ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އެ ފުރުސަތު އޮޑިޓު އޮފީހުން ދީފައިވާ ކަމަށެވެ. ނަމަވެސް އެ އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. މާލީ ބަޔާން ހުށަހެޅުއްވީ ވެރިކަމުގެ އެންމެ ފަހު ދުވަހުގަ އެވެ.

މާލީ ބަޔާންތައް ހުށަނާޅާކަން ހާމަވެފައިވާ އިރު ފުލުހުން އަންނަނީ އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާ މައްސަލަތަކެއް ބަލަމުންނެވެ. އަދި އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.