ހަބަރު

ތުހުމަތުތައް ސިޔާމްގެ ދެ ކުންފުނިން ދޮގުކޮށްފި

ސަންގެ ދެ ކުންފުންޏެއްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތު ދޮގުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.

ސަން އާއި ރައީސް ޔާމީންއަށް ދައުވާ އުފުލި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މައްސަލާގައެވެ.

އެ ދެ ކުންފުނިން ވަކިވަކިން ނެރެފައިވާ ދެ ބަޔާނުގައި ބުނެފައިވަނީ ފުއްގިރި މައްސަލާގައި އެއްވެސް ބަޔަކު ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދާ ބަދަލުކުރިކަން އެ ކުންފުންޏަށް އެނގިފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގައި އެ ކުންފުނިން ބައިވެރިވެފައިވެސް ނުވާނެ ކަމަށެވެ.

"މަނީ ލޯންޑްރިންގެ ކުށެއް ކުރިކަމަށް ބުނެ މި ކުންފުނީގެ މައްޗަށް ކުރާ ތުހުމަތު ދޮގުކުރަން. މި ކުންފުނީގެ އެންމެހާ މުއާމާލަތްތައް އަބަދުވެސް ހިންގަނީ ދިވެހިރާއްޖޭގެ ބެންކިން ނިޒާމުގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ދިވެހިރާއްޖޭގެ ބެންކިން ނިޒާމުގެ ތެރެއިން އޭގެ ސައްހަކަން ކަށަވަރު ކުރެވިގެން ނޫނީ ބޮޑެތި އަދަދުތަކުގެ ފައިސާގެ މުއާމާލަތް ކުރުމަކީ އަޅުގަނޑުމެން އަމަލު ކުރަމުންދާ ގޮތެއް ނޫން،"

ސަންގެ ބަޔާނުގައި އެ ކުންފުނިން ޖިނާއީ އެއްވެސް ކުށެއްގައި ޝާމިލްވެފައިނުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ހިނގަމުންދާތާ އެތައް އަހަރެއް ފަހުން މައްސަލައިގެ ބައިވެރިވި ކަމަށް މުޖްމަތައު ތެރޭގައި އެންމެން ދަންނަ މީހުން ދޫކޮށް، އެ ކުންފުންޏާ ދިމާއަށް ތަހުގީގުގެ އަމާޒު ހިފުމަކީ މިސްރާބު ކަސިޔާރުވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް ބުންޏެވެ.

"މި ކުންފުނީގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ހެއްކެއް ތަހުގީގަށް ހޯދިފައިނުވާނެ ކަމާއި އެފަދަ ހެއްކެއް ޝަރީއަތަށް ހުށަނޭޅޭނެކަމީ އަޅުގަނޑުމެންނަށް ޝައްކު ހިނގާ ކަމެއް ނޫން،"

ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ. ދައުވާތައް މިހާރު ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ފަސް ދުވަހުގެ ތެރޭގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފެށިގެންދާނެ އެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލާގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.