މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ދެ އަހަރަށް ވުރެ ކުރިން މަރުތަކުގެ ފުނަށް ދެވޭނެ: ކޮމިޝަން

Nov 21, 2018
12

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ދެ އަހަރު ދުވަހަށް ވުރެ ކުރިން ތަހުގީގުކޮށް ނިންމާލެވޭނެ ކަމަށާއި އެ މައްސަލަތަކުގެ އެންމެ ފުނަށް ދާނެ ކަމަށް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އިން ބުނެފި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަންގެ މެންބަރުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި ޖަލު ގޮޅިތަކާއި ގޭގެތަކުގައި ހިނގާފައި ހުރި ޝައްކު އުފައްދޭ މަރުތަކަކީ އާންމުންނާ ގުޅުން ހުރި އަދި ޝައުގުވެރިކަން ހުރި މައްސަލަތަކެއް ކަމަށެވެ. އެކަން ވީހާ ވެސް އަވަހަށް ތަހުގީގު ކުރުމަށް ރައްޔިތުން ކުރާ އުންމީދު ބޮޑު ކަމަށާއި އެހެންވެ ވީހާވެސް އަވަހަކަށް ތަހުގީގުތައްކޮށް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

އެގޮތުން ސަރުކާރުގެ ވިސްނުން ހުރީ މަރުތައް ތަހުގީގު ކުރުމުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައިކޮށް ނިންމާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއަށް ވުރެ އަވަހަށް އެކަންކޮށް ނިންމާލެވޭނެ ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ދުވަސްވެފައި ހުރި މައްސަލަތަކަކަށް ވާތީ އެއަށް ފަރުވާއެއް ލިބޭނީ އެކަން އަވަހަށްކޮށްގެން ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް މިކަން ކުރިޔަށް ގެންގޮސް މައްސަލަތައް ކޮޅެއްގައި ޖަައްސަން މަސައްކަތް ކުރާނަން، އަޅުގަނޑުމެންގެ އުންމީދު ވަރަށް މަތިކޮށް މިއޮތީ އެކަށީގެންވާ ކާމިޔާބީއެއް އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ. "އިރާދަކުރެއްވީއަ ދެ އަހަރު ވެސް ނުނަގާނެ، ދެ އަހަރަށް ވުރެ އިތުރު ދުވަހެއް ބޭނުމެއް ނުވާނެ، ނަމަވެސް މައްސަލަތައް އަންނަން ފެށީމަ އޭގެ ކޮމްލިކޭޝަން ހުންނާނެ، މިހާރު ބިލު ދްރާފްޓު ކުރެވިފައިވާ އޮތް ގޮތުން އެއަށް ހައްލެއް އޮންނާނެ،"

ސުއޫދު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި މައްސަލަތަކުގެ ތަހުގީގު ނުނިމި ހުރި ނަމަ ކަމާ ބެހޭ މުއައްސަސާތައް އިސްލާހު ވެފައި ހުރިތޯ ބަލާ އެ ފަރާތްތަކަށް ޒިންމާ ހަވާލު ކުރައްވާނެ ކަމަށެވެ.

މަރުގެ މައްސަލަތައް ބަލަން ކޮމިޝަނަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ކަމަށް ސުއޫދު ފާހަަގަ ކުރެއްވި އެވެ. ނަމަވެސް އެކަންކަން ހައްލު ކުރުމަށްޓަކައި ކޮމިޝަނާ ބެހޭ ގާނޫނެއް މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ބިލެއް ޑްރާފްޓު ވެސް ކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލު މަޖިލީހަށް ފޮނުވާ ފާސްވުމުން ކޮމިޝަންގެ ގާނޫނީ ބާރު އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

މަރުތައް ތަހުގީގު ކުރުމުގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަކޮށް ވީހާ ވެސް ގިނަ މައުލޫމާތު އާންމުނަށް ދެވޭ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް ބައެއް ކަންކަމަކީ ޖިނާއީ ކުށްތަކެއްގެ ތަހުގީގު ކަމަށްވާތީ ބައެއް ހެކިތައް ހިއްސާ ނުކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރިޔަށް ދާގޮތް ގަވާއިދުން ރައްޔިތުންނަށް އާންމު ކުރައްވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އެ މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ތަޖުރިބާ ކާރުން ނެތްކަމުގައިވީ ނަމަވެސް ބޭރުގެ ބައެއް ގައުމުތަކުންނާާއި ޖަމާއަތްތަކުން އެހީތެރިކަން ވެދޭނެ ކަމުގެ ޝައުގުވެރިކަން ސަރުކާރަށް ދެއްވާފައިވާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން ލިބޭ މިންވަރަކުން އެފަދަ އެހީތައް ހޯދާނެ ކަމަށާއި ރާއްޖެއަށް ނިސްބަތްވާ ތަޖުރިބާކާރުންގެ އެހީ ވެސް ބޭނުން ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.