ތަހުގީގު ކުރަން ބޭނުންވާ މަރުތަކުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އިން ނިންމައިފި އެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ހުސްނުސޫދު ވިދާޅުވީ އެ ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށް އާންމުންނަށް ގަބޫލު ކުރެވޭ މައްސަލަތައް ހުރި ނަމަ އެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަސެވެ. އެކަމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި މާދަމާ އިން ފެށިގެން އެ ފުރުސަތު ހުޅުވާލާނެ ކަމަށް ސޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަނޑައަޅާ މައްސަލަތައް ފައިނަލް ކުރެވުނީ މަ އަޅުގަނޑުމެން އާންމުންނާ ހިއްސާ ކުރާނަން އަޅުގަނޑުމެން މި ބަލަމުން ގެންދަނީ ކޮން މައްސަލަތަކެއްކަން، އަދި ލިސްޓެއް އާންމު ކުރާނަން، އޭރުން އަލޫގަނޑުމެން ބަލަމުންދާ މައްސަލަތަކުގެ ފޯކަސް ހުރީ ކޮން ދިމާލަކަށް ކަން ސާފު ވެވަޑައިގަންނަވާނެ،" ސޫދު ވިދާޅުވި އެވެ.
ސޫދު މީގެ ކުރިން ވަނީ އެ ކޮމިޝަނުން 29 މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ. ސޫދު ވިދާޅުވީ އެ އަދަދަކީ "އެމްވީ މާޑާޒް ޑޮޓް ކޮމް" ވެބްސައިޓުން ބަލަހައްޓަމުން ގެންދަވާ ރެކޯޑުގައިވާ އަދަދު ކަމަށާއި ނަމަވެސް އާންމުންނަށް ހުޅުވާލުމުން ހުށަހަޅާ މައްސަލަތަކުގެ އަދަދަށް ބެލުމާއި އެހެން މައުލޫމާތުތަކަށް ބަލާފައި މައްސަލަތަކުގެ އަދަދު 29 އަށް ވުރެ އިތުރުވާނެ ކަމަށެވެ.
އެ މައްސަލަތަކުގެ އިތުރުން ބައެއް މަރުގެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކުން ނުބައްލަވާ ވަންހަނާ ކުރައްވާފައިވާ ކަމުގެ ޝަކުވާތައް ވެސް ލިބިފައިވާ ކަމަށް ސޫދު ވިދަޅުވި އެވެ. އެހެންކަމުން އެއީ ހަގީގަތައްތޯ ބަލާ، އެކަންވެސް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ސޫދު ވިދާޅުވި އެވެ.
މަރުތައް ތަހުގީގު ކުރުމުގެ އިތުރުން ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސޫދު ވިދާޅުވި އެވެ. އެގޮތުން އެކަންކަން ތަކުރާރު ވަނީ ކޮން ސަބަބަކާ ހެދިތޯ ބަލާ މުއައްސަސާތައއް ވަރުގަދަވެގެންދާ ގޮތްތައް ވެސް ހޯދާނެ ކަމަށް ސޫދު ވިދާޅުވި އެވެ.