ހަބަރު

މެޖިސްޓްރޭޓް ނިހާން 17 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށްފި

އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ އޭނާ 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.

ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލީ ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބުދުﷲ ޔާމީން ހައްޔަރުކޮށް، ރަހީނު ކުރަން އުޅުނު ކަމަށްބުނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އިތުރު ދައުވާތަކެއްވެސް އުފުލި އެވެ. އެއީ، އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމައްޓަކައި ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ. އެދައުވާތަށް ކުރިމިނަލް ކޯޓުން ވަނީ ދާދިފަހުން ބާތިލްކޮށްފަ އެވެ.

ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ހައިކޯޓުން ނިހާންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް މިއަދު ބާތިލްކޮށްފައިވާ އިރު، އޭނާ ވަނީ ޖަލު ބަންދުން ގޭބަންދަށް މި ހަފްތާގެ ތެރޭގައި ބަދަލުކޮށްފަ އެވެ. ނިހާންގެ އިތުރުންވެސް އެމައްސަލައިގައި ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށްވެސް ދައުވާ އުފުލާ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މުހުތާޒުގެ އިސްތިއުނާފު މައްސަލަވެސް މިހާރު ވަނީ ހުކުމަކާއި ހިސާބުގަ އެވެ.