ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތުގެ މައްޗަށް ދަށުކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.
އެމައްސަލައާއި ގުޅިގެން ޒިޔަތުގެ އިތުރުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށްވެސް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ. ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވާފައިވަނީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ހާމިދު ސޭޓަށް އިއްވާފައިވަނީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. ހާމިދު އިސްމާއިލް ވަނީ އެހުކުމް ތަންފީޒުކޮށް ނިމުމާއެކު މިހާރު މިނިވަންވެފަ އެވެ.
ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު އަށް ނުކުތާއެއް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ޒިޔަތުގެ މައްސަލަ އަކީ އިޖްރާއަތްތަކާއި ހިލާފަށް ފުލުހުން ކުރިއަށް ގެންގޮސްފައިވާ ތަހްގީގެއް ކަމަށާއި އެހެން މައްސަލައިގެ ހުކުމަކީވެސް ބާތިލް ހުކުމެއް ކަމަށާއި، މައްސަލައިގެ ދައުވާ އުފުލާފައިވަނީ ހިޔާނާތުގެ މާނައާ ހިލާފަށް ކަމަށާއި ހިޔާނާތުގެ ގޮތުގައި ކަނޑައެޅި ފައިސާ ބޭނުން ކޮށްފައިވަނީ ހިޔާނާތައް މަގުފަހިވާ ގޮތަށް ކަމަށް ދައުލަތުން ސާބިތުކޮށްދެވިފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލާގައި ބަލަން ޖެހޭ ހަތަރު އުންސުރާއި ހިލާފަށް މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އެގޮތުން ފަސް މިލިއަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުވިކަން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި ހަވާލުނުުވާ ޗެކަކަށް ހިޔާނާތްވެވޭނެ ސަބަބެއް ނެތް ކަމަށްވެސް ޒިޔަތުގެ ފަރާތުން ވަނީ ބުނެފަ އެވެ.
އެމައްސަލައިގެ ހުކުމުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ އެމްްއެމްޕީއާރުސީއަކީ ދައުލަތުގެ ކުންފުންޏެއް ކަމަށާއި، އެކުންފުނީގެ ބޯޑު މެމްބަރެއްގެ އިތުރުން މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ޒިޔަތު ވަނީ އެކުންފުނީގެ ހިންގާގަަވައިދާ ހިލާފަށް އަމަލުކޮށް އެޗެކް އަހުމަދު އަދީބާއި ހަވާލުކޮށްފައި ކަމަށެވެ. އެހެން ކަމުން އެއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ. އެމައްސަލާގައި ދަށުކޯޓުގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމީ ހައިކޯޓުގެ އެމައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.