ޔާރާ ޕްރޮޑަކްޝަންސްގެ ކާމިޔާބު ފިލްމު "ވިޝްކާ" އަނެއްކާވެސް ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.
އެ ފިލްމްގެ ލީޑް ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ބުނި ގޮތުން "ވިޝްކާ" އަނެއްކާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހު އެވެ. އެހެން ނަމަވެސް ސީދާ ތާރީހެއް އޭނާ ހާމައެއް ނުކުރެ އެވެ. އަދި އެ ފިލް ދައްކާނީ ހުޅުމާލޭގެ ޝްވެކް ސިނަމާގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ބަތަލާ ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "ވިޝްކާ" މިދިޔަ އަހަރު ސްކްރީނުތަކަށް ނެރެ ހައުސްފުލް ޝޯތަކެއް ވަނީ ދީފަ އެވެ.
މި ފިލްމު އެންމެ ފުރަތަމަ އެޅުވުމުގެ ކުރިން ވަނީ ފިލްމުގެ މިލްކުވެރި ކަމާމެދު ސުވާލު އުފައްދާ ކޯޓު މަރުހަލާއަކަށްވެސް ގޮސްފަ އެވެ. ފިލްމުގެ ގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރާއިރު މި ފިލްމުގެ ފުރަތަމަ ސްކްރިޕްޓް ޑްރާފްޓްކުރި އަހުމަދު ޒަރީރަށް ފިލްމުގައި އެއްވެސް ވަރަކަށް ކްރެޑިޓް ދީފައި ނެތް މައްސަލައިގައި ވެސް ފިލްމަށް ވަނީ ފާޑުކިޔުން
އަމާޒުވެފަ އެވެ.
ގިނަ ގޮންޖެހުންތަކަށްފަހު، މި ފިލްމު ރިލީޒްކޮށް ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީ ޕްރޮޑިއުސްކޮށް އެކްޓް ކޮށްފައިވާ ފިލްމް "ވިޝްކާ" އިން އެންމެ މޮޅު ބަތަލާގެ ލަގަބުވެސް ވަނީ ހޯދާފަ އެވެ. އަދި މި ފިލްމަކީ ސާކް ފިލްމް ފެސްޓިވަލްގައި އެ އަހަރު ރާއްޖެއިން ވާދަކުރި ހަމަ އެކަނި ފިލްމެވެ.
ޔާރާ ޕްރޮޑަކްޝަންސްގެ "ވިޝްކާ" އަކީ މިހާރުގެ ދިވެހި މުޖުތަމައުއިން ފެންނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލް އަދާކޮށްފައިވަނީ ރިޝްމީގެ އިތުރުން ރަވީއާއި އަހުމަދު ސައީދެވެ. އަދި މި ފިލްމުގައި ރިޝްމީ ދެއްކި ތަފާތު އެންޓިންގ އަށް އެތައް ބައެއްގެ ތައުރީފު އޮހުނެވެ.