ދުނިޔެ

ވަލީ އަހުދު ބަދަލުކުރަން ބޭނުންވާ ވާހަކަތައް ސައުދީން ކުށްވެރިކޮށްފި

Nov 22, 2018

ރިޔާދު (ނޮވެމްބަރު 21) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަތެއްވާ ކަމަށް ތުހުމަތުކުރެވޭއިރު، ވަލީ އަހުދުކަމަށް އެހެން ބޭފުޅެއް ގެންނަން ސައުދީ ޝާހީ އާއިލާގެ އިސް ބޭފުޅުން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް، ސައުދީގެ ހާރިޖީ ވަޒީރު ކުށްވެރިކުރައްވައިފި އެވެ.

އިއްޔެ ދެއްވި އިންޓަވިއުތަކެއްގައި، ސައުދީ ފޮރިން މިނިސްޓަރު އާދިލް އަލް-ޒުބައިރު ވަނީ ޚާޝުގްޖީ މައްސަލާގައި މުހައްމަދު ބިން ސަލްމާނަށް ކުރެވޭ ތުހުމަތުތައް އަނެއްކާވެސް ދިފާއުކުރައްވައިފަ އެވެ.

"ސައުދީ ޝާހީ އާއިލާއަށާއި، ވަލީ އަހުދަށް ނުބައިމިސްކޮށް ދެކެވޭ އެއްވެސް ވާހަކައެއް އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭނެ،" ވަޒީރު ވިދާޅުވި އެވެ.

ޚާޝުގްޖީ މަރާލީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖަންސް އޭޖެންސީ (ސީއައިއޭ)އިން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމާއި ގުޅިގެން، އާދިލް ވިދާޅުވީ ޚާޝުގްޖީ މަރާލުމުގައި ސައުދީ ޝާހީ އާއިލާއާއި ވަލީ އަހުދުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

ޝާހީ އާއިލާގެ ގިނަ މެމްބަރުން ބޭނުންވަނީ ރަސްގެފާނު ސަލްމާންގެ ކޮއްކޯފުޅު އަދި އިންޓީރިއާ މިނިސްޓަރު އަހުމަދު ބިން އަބްދުލްއަޒީޒް ވަލީ އަހުދުކަމަށް ކަނޑައެޅުމަށްކަމަށް ވެސްވެ އެވެ.

އަހުމަދު ބިން އަބްދުލްއަޒީޒަށް އެމެރިކާގެ ތާއީދުއޮތް ކަމަށް ވެސް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.